ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ގެކޮޅަށާއި، ޕީޕީއެމްގެ އޮފީހަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއިގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ރޭ ދަންވަރު ރައީސް ޔާމީންގެ ގެކޮޅު، ހ.ދޫވެހީގެ ދޮރަށާއި، ގަރާޖުގެ ގޭޓުގައި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ވަނީ ސްޕްރޭކޮށްފައެވެ. އަދި ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށްވެސް ސްޕްރޭކޮށްފައިވާކަމަށް ޕީޕީއެމް އިން ބުންޏެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވާ ބައެއް ލިޔެކިޔުންތައްވެސް އެ ސަރަހައްދަށް އަޅާފައިވާކަމަށް ޕީޕީއެމް އިން ބުންޏެވެ. ޕީޕީއެމް އިން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ބުނެފައިވީނަމަވެސް، މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށައަޅާނެކަމަށެވެ.
ޕީޕީއެމް އިން ބުނީ ރައީސް ޔާމީނަށް ރައްކާތެރިކަން ދިނުމާމެދު ކަންބޮޑުވުން އެބަހުރިކަމަށެވެ.
ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭޖަހާފައިވާއިރު، ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތުގައިވެސް ބައެއް ސަރަހައްދުތަކުގެ ފާރަށުގައި އިންޑިއާ އައުޓް ލިޔެ ސްޕްރޭކޮށްފައިވެއެވެ. ނަމަވެސް މިއީ އެކަމާއި ގުޅިގެން ހިންގި އަމަލެއްކަމަށް ސާފެއް ނުވެއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ނަފްރަތުގެ އަމަލެއްކަމަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ ޢަމަލު ހުއްޓުވުމަށް އިދާރާތަަކށް އަންގާފައިވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ޢަމުރަށް ގޮންޖަހާ އެ ހަރަކާތް އިދިކޮޅުން ދަނީ ހިންގަމުންނެވެ. އަދި އެ ހަރަކާތް ނުހުޓާނެކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.