ޚަބަރު

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ސްކޮލަރޝިޕް ފަސް ފަރާތަކަށް


ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ސްކޮލަރޝިޕް ފަސް ފަރާތަކަށް ހަވާލުކޮށްފިއެވެ.

ލިޔުން ހަވާލު ކުރުަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންވަނީ ސްކޮލަރޝިޕަށް ހޮވުނު ފަސް ޑޮކްޓަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު ތަސައްވުރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ސްކޮލަރޝިޕް ޕްރޮގްރާމް އިއުލާން ކުރިއިރު ވަކި ތަންތަނަށް ޚިދުމަތްކުރަން ޝަރުތުކުރެއްވީ އެމަޤުސަދު ހާސިލު ކުރުމަށްޓަކައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ހެލްތު މިނިސްޓްރީއާއެކު އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް އެބަ ކުރަން. މި ދާއިރާއިން ވަރަށް ސްޕެޝަލައިޒްޑް ޕްރޮގްރާމްތައް އެބަ ކުރެވޭ. މީހުން ހޯދަން މަސައްކަތް ކުރެވޭ. މެންޓަލް ހެލްތު ސްކޮލަޝިޕްތައް އަޅުގަނޑުމެން އިއުލާން ކުރިން. ސްޕެޝަލައިޒްޑް ޑޮކްޓާސް ހޯދަން އަޅުގަނޑުމެން އިއުލާން ކުރިން. އެހެންވީމަ ވަރަށް ބޮޑު ސަމާލުކަމެއް މި ދާއިރާއަށް ދެވިގެން ދޭ." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ބިނާ ކުރުމަށްޓަކާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕް ފުރުޞަތު މިނިސްޓްރީން ހުޅުވާލީ މާރޗް މަހުގެ 11ވަނަ ދުވަހުއެވެ. އެ މުއްދަތުގައި 10 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާއިރު އޭގެ ތެރެއިން ސްކޮލަޝިޕްގެ ފުރުސަތު ލިބުނީ ފަސް ފަރާތަކަށެވެ.

ފުރުސަތު ލިބިފައިވާ ފަސް ފަރާތް، އަދި ބޮންޑް ކުރެވޭ ހޮސްޕިޓަލް:

  • ޑރ. ހައްވާ ނާޖިޒާ އޮފްތަލް މޮލޮޖީ - ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. ފާތިމަތު އާލިމާ ފަރީދު އެނެސްތިސިއޮލޮޖީ - އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
  • ޑރ. އައިޝަތު ޝިއުރާ ޑާރމަޓޮލޮޖީ - ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. މަރިޔަމް ޝިޔާރާ ސަޢުދީ ގައިނޮކޮލޮޖީ - މ.މުލީ ރީޖަނަލް ހޮސްޕިޓަލް
  • ޑރ. އައިޝަތު އިނާޝާ ނަޞީރު އިންޓާރނަލް މެޑިސިން - އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރު ދެއްކެވި ވާހަކައިގައި ވިދާޅުވީ ހެލްތު ސެކްޓާ ފުޅާކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތްދޭން ބަލާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮކްޓަރުން، ސްޕެޝަލިސްޓުން، އަދި ނަރުހުންގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން މީހުން މަދުވުން ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އެދެވޭ ވަރަށް މިކަންތައް ނުކުރެވި އޮތް ކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ސްކޮލަރޝިޕަކީ ރާއްޖޭގެ ވަކި ހޮސްޕިޓަލްތަކެއްގައި މަސައްކަތް ކުރާނެ ވަކި ދާއިރާތަކަކުން ތަމްރީނުވެފައިވާ ޑޮކްޓަރުން ތައްޔާރުކުރުމަށް ހުޅުވާލެވުނު ފުރުސަތު ތަކެކެވެ.