އެމްޓީސީސީ ބައިބަލާ ޗެލެންޖުގެ ކުއާޓާ ފައިނަލަށް ބައިބަލާގެ ވަރުގަދަ ނަންތަކެއް ކަމުގައިވާ ކްލަބް ޓީނޭޖް، އެލްޓީ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ކުއާޓާއަށް އެލްޓީ ސްޕޯޓްސް ކްލަބް ދަތުރުކުރީ ސީދާ ދެ ގޭމުން ބީޖީ ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ. މީގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ޓީސީން ކުއާޓާ ފައިނަލަށް ދަތުރުކުރީ ހުޅުމާލެ ސްޕޯޓްސް ކްލަބް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
ޓީނޭޖުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ވަރުގަދަ ބުރު ސްޕޯޓްސް ކްލަބް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
މީގެ އިތުރުން މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ ބީޖީން ކުއާޓާއަށް ދަތުރުކުރީ ސީދާ ދެ ގޭމުން ބްރަދާސް އޮފް ބޮސްނިއާ ބަލިކުރުމަށްފަހުގައެވެ.
ވަރުގަދަ ލޮރެންޒޯ އާއި އީގަލްސްގެ ކުރިމަތިލުން އީގަލްސް އިން ކާމިޔާބުކުރީ ގަދަ ހިފުމަށް ގޮސް ތިންވަނަ ހިފުން ކާމިޔާބުކޮށްގެނެނެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅޭނީ ބުރާސްފަތި ދުވަހުގެ ރެޔެވެ.
މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.