ޚަބަރު

ގޫގުލް ޓްރާންސްލޭޓުގައި މުޅިން އަލަށް ދިވެހިބަސް ހިމަނައިފި


ގޫގުލް ޓްރާންސްލޭޓުގައި މުޅިން އަލަށް ދިވެހިބަސް ހިމަނައިފިއެވެ.

އިއްޔެ ބޭއްވި ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގައި ވަނީ ގޫގުލް ޓްރާންސްލޭޓުގައި އިތުރު 25 ބަސް ހިމަނާފައެވެ. އޭގެ ތެރޭގައި ދިވެހި ބަސްވެސް ހިމެނެއެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް އިތުރުކުރި ބަސްތަކަކީ 300 މިލިއަނަށްވުރެ ގިނަ މީހުން ވާހަކަދެއްކުމަށްބޭނުންކުރާ ބަސްތަކެކެވެ. އަދި އިތުރުކުރި ބަސްތަކާއިއެކު މިހާރު ގޫގުލް ޓްރާންސްލޭޓުގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެކަމަށް ގޫގުލްއިން ބުނެއެވެ.

އެކުންފުނިން ބުނީ ގޫގުލް ޓްރާންސްލޭޓް ފުރިހަމަކުރުމަށް އަދިވެސް ދިގުދަތުރެއް ކުރަން ޖެހޭ ކަމަށެވެ. އެއީ އަދިވެސް ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7000އަށްވުރެ ގިނަ ބަސްތައް ހުރުމުން ކަމަށެވެ. އެދި އެ ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި އެ ހުރިހާ ބަހެއް ގޫގުލް ޓްރާންސްލޭޓްގައި ހިމެނުންކަމަށްވެސް ގޫގުލްއިން ބުނެއެވެ.

ގޫގުލް ޓްރާންސްލޭޓުގައި ދިވެހިބަސް ހިމެނިގެން ދިޔުމަކީ ދިވެހި ބަހަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިބަސް ފުޅާވެ ކުރިއަރައިގެން ދިޔުމަށް ލިބުނު އިތުރު ބާރެއްވެސްމެއެވެ.

ގޫގުލް ޓްރާންސްލޭޓް އަކީ މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ވާހަކަދައްކަން ބޭނުންކުރާ ސަތޭކައަށްވުރެ ގިނަ ބަސް، އެއްބަހުން އަނެއްބަހަށް ބަދަލުކުރުމަށް ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. މި އެޕްލިކޭޝަން ޚާއްސަކޮށްފައިވަނީ އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ ފަރާތްތަކަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ޢާއްމުދިރިއުޅުމާއި ތަޢުލީމު ލިބުމުގައިވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.