ޚަބަރު

ރައީސް ޔާމީންގެ ވާހަކަފުޅުތައް ތަހްގީގުކުރުމަށް އެމްއާރުއެމްއިން ގޮވާލައިފި


އަންގާރަ ދުވަހު ވިލިމާލޭގައި އޮތް ކެމްޕެއިން އެއްވުމެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކީ ހަގީގަތާ ޚިލާފު ދޮގު ވާކަތަކެއްކަމަށް ތުހުމަތުކޮށް އެކަން ތަހްގީގުކޮށް ދިނުމަށް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޕާޓީ، އެމްއާރުއެމްއިން ގޮވާލައިފިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތައް ކުށްވެރިކޮށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ނެރުނު ބަޔާނެއްގައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު ވެސް ރައީސް ޔާމީން ކަންކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާނެކަމަށް ދޭހަވާ މޭރުމަކުން އަންގާރަދުވަހު ވާހަކަފުޅުދައްކަވާފައިވާކަމަށެވެ. އަދި ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި ޢާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ކުއްވެރިކުރާކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. އަދި މިވާހަހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްއާރްއެމްގެ ޒައީމް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައި ރައީސް ޔާމީން ދެއްކެވީ ދޮގު ވާހަކަފުޅުތަކެއްކަމަށެވެ. ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަށް އުޅުނު ކަމަށާއި، އެކަމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް ތުޙުމަތުކުރައްވައި، ރައީސް ޢަބްދުﷲ ޔާމީންވަނީ އަންގާރަދުވަހު ވާހަކަފުޅުދައްކަވާފައެވެ.

"ސުޕްރީމް ކޯޓުގެ ޢަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ޤާނޫނާއި ޚިލާފަށް އަމަލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރިއެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ޤާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލިއެވެ. މީގެ ތެރޭގައި މި ޕާޓީގެ ޒައީމް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި މި ޕާޓީގެ ރައީސް އަޙުމަދު ފާރިސް މައުމޫން އާއި މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުޙައްމަދު ނަދީމް އާއި މި ޕާޓީގެ އޮފީހުގެ މުވައްޒަފުން ހިމެނެއެވެ." އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ރައީސް މައުމޫން އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވާކަމަށާ، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ، ރައީސް މައުމޫންގެ ތާއީދާއިއެކު ގެންނެވި ސަރުކާރެއް ކަމުން، އެސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫޢަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުންވެސް ރައީސް މައުމޫން މަސައްކަތް ކުރެއްވިކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން، ރައީސް ޔާމީނާ ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ޤައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާޙު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުންކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.