ޚަބަރު

ޗައިނާގެ ކޯވިޑް-19ގެ ފިޔަވަޅުތަކަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ފާޑުކިޔުން


ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން އަޅަމުންދާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެއީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ޤައުމަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ ޖަމުޢިއްޔާއިން ފާޑުކީ ފުރަތަމަ ފަހަރެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ސެކެޓުރީ ޖެނެރަލް ތެދުރޮސް އަދަނޮމު ގެބްރެޔޭސުސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން އަޅަމުންދާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް އަބަދު އެޅޭނެ ފިޔަވަޅުތަކެއް ނޫންކަމަށާއި ބަލިމަޑުކަމާ ދެކޮޅަށް އެ ޤައުމުން އަޅަމުންދާ ފިޔަވަޅުތައް ބަދަލުކުރަންޖެހޭކަމަށެވެ. އަދި ޗައިނާއިން އަދިވެސް ޢަމަލުކުރަނީ ޤައުމުތަކުން އެންމެ ކުރިން ޢަމަލުކުރި ފިޔަވަޅުތަކަށްކަމަށާއި ބައްޔާ ގުޅޭ އައު މަޢުލޫމާތާއި ބަލިފެތުރުން ހުއްޓޭނެ އައު ގޮތްތައް މިހާރު ހޯދިފައިވާކަމަށް ގެބްރެޔޭސުސް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ތަޖުރިބާކާރެއްކަމަށްވާ މައިކް ރަޔަން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އިންސާނީ ކަރާމާތަށާއި އިންސާނީ ޙައްޤުތަކަށް ބަލަންޖެހޭކަމަށެވެ. އަދި ޗައިނާއިން ޢަމަލުކުރާ ގޮތަށް މަދު ބަޔަކަށް ބަލިޖެހުމުން މުޅި ރަށް ފުރަބަންދުކޮށްގެން އެ ރަށުގެ އެންމެން ބައްޔަށް ތަޙުލީލުކުރުމަކީ އެންމެ އެދެވޭ ގޮތްތޯ އޭނާވަނީ ސުވާލުއުފައްދައިފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބަލިޖެހިގެން ޗައިނާއިން މަރުވިކަމަށް ބެލެވޭ ޢަދަދަކީ 15،000ކަމަށާއި އެއީ އެމެރިކާގައި މަރުވި އެއް މިލިޔަން މީހުންނާއި ބުރެޒިލުގައި މަރުވި 664،000 މީހުންނާއި އިންޑިޔާގައި މަރުވި 524،000 މީހުންނަށްވުރެ ވަރަށް މަދު ޢަދަދެކެވެ. އެހެންކަމުން އެފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމަކާމެދުވެސް އޭނާވަނީ ސުވާލުއުފައްދައިފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ފާޑުކިޔާފައިވަނީ އެ ޤައުމުގެ ވެރިރަށް ބެއިޖިންގާއި ވިޔަފާރީގެ މައިރަށް ޝަންހާއީގައި ބަލިފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.