ޚަބަރު

އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ލަންކާއަށް އައު ސަރުކާރެއް މުޙިއްމު


ސުރީ ލަންކާގައި އަވަހަށް އައު ސަރުކާރެއް އެކުލަވާލުމަށް އެ ޤައުމުގެ ޢާއްމުންނާއި ބޮޑެތި ވިޔަފާރި ޖަމުޢިއްޔާތަކުން ގޮވާލަން ފަށައިފިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތަކާއެކު އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވައިފައެވެ. އަދި ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވަން ދެކޮޅުހައްދަވައި އެ ޤައުމުގައި ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. ނަމަވެސް އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުންވަނީ އެ ދަޢުވަތު ޤަބޫލުކުރަން ދެކޮޅުހަދައިފައެވެ. އެއާއެކު ގޮތަބަޔާވަނީ އެ ޤައުމުގެ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޤައުމު ކުރިޔަށްގެންދެވޭނެ ގޮތްތަކަކާމެދު މަޝްވަރާކުރައްވަން ނިންމަވައިފައެވެ.

ސުރީ ލަންކާގައި ސަރުކާރެއް ނެތުމުން އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އެ ގޮތުން ސުރީ ލަންކާގައި ސަރުކާރެއް ނެތް ދަނޑިވަޅެއް ކުރިމަތިވެފައިވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުންދާ ދުވަސްވަރަކާއެވެ. އެ އިދާރާއިންވަނީ ސުރީ ލަންކާގެ ސިޔާސީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ޤައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެ އިދާރާއިން ދީފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާއަށް ބޭނުންވާ ޒަރޫރީ ސާމާނު ގަންނަން ބޭނުންވާ ބޭރު ފައިސާ ނެތުމުގެ ސަބަބުން އެ ކަން ފޫބައްދާދީފައިވަނީ އިންޑިޔާއިން ފޯރުކޮށްދިން އެހީންނެވެ. އެ ގޮތުން އިންޑިޔާއިންވަނީ 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ. ނަމަވެސް އެ ޤައުމަށް ކާބޯތަކެއްޗާއި ބޭހާއި ތެލާއި ގޭސް އަދިވެސް ބޭނުންވެއެވެ. އެ ޤައުމުގެ ބޭރު ފައިސާގެ ރިސާވުގައި ހުރީ 50 މިލިޔަން ޑޮލަރުކަމަށް ބުނެއެވެ. އެއީ އެ ޤައުމަށް ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމަށް އެކަށީގެންވާ ޢަދަދެއްގެ ފައިސާއެއް ނޫނެވެ.

އެފަދަ ނާޒުކު ޙާލަތެއްގައި ގޮތަބަޔާގެ އިސްތިޢުފާއަށް ގޮވާލައި އަޑުއުފުލުމަށް ހުއްޓުމެއް ނާދެއެވެ. އަދި އޭނާ އިސްތިޢުފާ ދެއްވައިފިނަމަ އެ ޤައުމުގައި ޤާއިމުކުރާ ވަޤުތީ ސަރުކާރަށް އެ ޤައުމުގެ ޙާލަތު ރަނގަޅުކުރެވިދާނެކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. ނަމަވެސް ބޭރުގެ އެހީތެރިކަން ހޯދައިގެން އެ ޤައުމުގެ އިޤްތިޞާދީ އަނދަވަޅުން އަރައިގަނެވެން އޮތީ އެ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިގެންނެވެ.

ދާދިފަހުން ސުރީ ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމާ ޙަވާލުވެވަޑައިގަތް ޕީ ނަންދަލާލް ވީރަސިންގަ ވިދާޅުވެފައިވަނީ އެ ޤައުމުގެ ރައީސާއި އިދިކޮޅު ޕާޓީތަކުން އެއްގަލަކަށް އަރައި އެ ޤައުމުގެ ސިޔާސީ ދެބަސްވުންތަކަށް ޙައްލެއް ނުގެންނަނަމަ އިސްތިޢުފާދެއްވާނެކަމަށެވެ. އަދި ސިޔާސީ ހަމަޖެހުމެއް ނެތްނަމަ އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމުގައި ކޮންމެ މީހަކު ހުރި ނަމަވެސް އެ ޤައުމުގެ އިޤްތިޞާދަށް ކުރާނެ އެއްވެސް މަންފާއެއް ނެތްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.