ޚަބަރު

ރާއްޖެއާއި މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރުން ބައްދަލުކުރައްވައިފި


އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ، މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރ ރަޑްޒީ ޖިޑިންއާ ބައްދަލުކުރައްވައިފިއެވެ.

ދެ މިނިސްޓަރުން ބައްދަލުކުރައްވާފައިވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ މިހާރު މެލޭޝިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މިދާއިރާ ހަރުދަނާ ކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ތަމްރީންކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން ދަރިވަރުންގެ ތަަޖުރިބާ ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގެ ތެރެއިންވަނީ މަޝްވަރާކުރައްވާފައެވެ.

ވަކިން ޚާއްސަގޮތެއްގައި ޕްރޮފެޝަނަލް ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނުކުރުމުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރވަނީ މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ދަތިތައްވެސް އެޤައުމުގެ އެޑިއުކެޝަން މިނިސްޓަރާ ޙިއްސާކުރައްވާފައެވެ. އެގޮތުން ޕޭރެންޓް ވިސާ ލިބުމުގައި ދިމާވާ ތަފާތު ދަތިތައް ލުއި ކޮށްދެއްވުމަށް ވަނީ އެދެވަޑައިގެންފައެވެ.