ޚަބަރު

އެޗްޑީސީ ނަމުގައި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެ


އެޗްޑީސީގެ ނަމުގައި މީހުންނަށް ގުޅައި، މަކަރާއި ޙީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ރިޕޯޓްކުރުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައި މަކަރާއި ޙީލަތުން މީހުންގެއަތުން ބޮޑެތި ޢަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅެމުންދާކަމަށެވެ. މިގޮތަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދޭކަމަށާއި އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަަމަށް ބުނަމުންދާކަމަށެވެ. އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް ހޯދައި އޮޅުވާލައިގެން އީ-މެއިލްގެ އެކްސެސް ހޯދައި އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންގއަށް ވަދެ މީހުންގެ އެކައުންޓުގައި ހުންނަ ފައިސާ ފޭރެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ޒާތީ މައުލޫމާތާއި އޯޓީޕީފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.