ޚަބަރު

ހުޅަނގުން ތެޔޮ ނުގަތަސް ގެއްލުމެއް ނުވާނެ: ރަޝިޔާ


ހުޅަނގުގެ ޤައުމުތަކުން ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލި ނަމަވެސް ލިބޭނެ ގެއްލުމެއް ނެތްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފު ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ތެލަށާއި ގޭހަށް ބަރޯސާވުން ހުއްޓާލުމަށް ހުޅަނގުގެ ޤައުމުތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ލަވުރޯފު ވިދާޅުވީ ހުޅަނގުގެ ޤައުމުތައް ނޫނަސް އެ ޤައުމުގެ ތެލާއި ގޭސް ގަންނާނެ ވަރަށް ގިނަ ޤައުމުތައް ތިބިކަމަށާއި ތެލާއި ގޭސް ވިއްކައިގެން ލިބޭ އާމުދަނީ މަދުނުވާނެކަމަށެވެ. ހުޅަނގުގެ ޤައުމުތަކަށް އަގުހެޔޮކޮށް ތެލާއި ގޭސް ފޯރުކޮށްދެނީ ރަޝީޔާއިން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެހެން ގޮތަކަށް ތެލާއި ގޭސް ގަންނަން މަސައްކަތްކޮށްފިނަމަ ބޮޑު މާލީ ތަކުލީފެއް ހުޅަނގުގެ ޤައުމުތަކުން އުފުލަންޖެހޭނެކަމަށެވެ. އަދި އަގުބޮޑުކޮށް ތެލާއި ގޭސް ގަތުމުން ހުޅަނގުގެ ޤައުމުތަކުގެ ތަކެތީގެ އަގުތައް އުފުލުމުން ޢާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނީ އެ ޤައުމުތަކުގެ ވެރިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ލަވުރޯފް ވިދާޅުވީ ވިލާތުގެ ޤައުމުތަކާ ހަނގުރާމައެއް ކުރުމުގެ ވިސްނުމެއް ރަޝިޔާއިން ނުގެންގުޅޭކަމަށާއި ޔޫކްރެއިނަށް ޙަމަލާދޭން ޖެހުނީ މަޖުބޫރުވެގެންކަމަށެވެ. އަދި ޔޫކްރެއިނުގައި ރަޝިޔާއަށް ނާކާމިޔާބުވާން ވިލާތުން އެދުނު ނަމަވެސް އެއީ ވާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ދުނިޔޭގެ ބާރުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.