ޚަބަރު

ނަޞްލީ، ދީނީ ބައިބައިވުންތައް ނައްތާލަން ގޮތަބަޔާ ގޮވާލައްވައިފި


ސުރީ ލަންކާގައި ނަޞްލީ އަދި ދީނީ ބައިބައިވުންތައް ނައްތާލައި އެއްބައިވަންތަކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގޮވާލައްވައިފިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން އަމަން ބަލަހައްޓަން ބޮޑެތި ބާރުތަކަކާއެކު އެ ޤައުމުގެ އަސްކަރިއްޔާވަނީ ނުކުމެފައެވެ. އަދި ހަމަނުޖެހުން ހިންގައި ޢާއްމުންނަށާއި މުދަލަށާއި ގެދޮރަށް ޙަމަލާދޭ މީހުން ހުއްޓުވަން ބަޑިޖެހުމުގެ ޙުއްދަ ގޮތަބަޔާވަނީ އަސްކަރިއްޔާއަށް ދެއްވައިފައެވެ. ސުރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަށް މީހުން މަރުވެ 200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވައިފައެވެ.

ޢާއްމުންނާ މުޙާތަބުކުރައްވައި ގޮތަބަޔާ ވިދާޅުވީ ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ ބޮޑު ކާރިޘާއިން އަރައިގަތުމަށް ނަޞްލަކަށް އަދި ދީނަކަށް ނުބަލައި އެންމެން އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންޖެހޭކަމަށެވެ. ނަމަވެސް ގޮތަބަޔާ އެ މޭރުމުން ވާހަކަފުޅުދެއްކެވި ސަބަބެއް ނޭނގެއެވެ. ސުރީ ލަންކާގައި މީގެ ކުރިންވަނީ 26 އަހަރުގެ ދިގު އަދި ލޭއޮހޮރުން ބޮޑު ދާޚިލީ ހަނގުރާމައެއްކޮށްފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާއަށް ނާޒުކު އިޤްތިޞާދީ ޙާލަތަކާ ކުރިމަތިލާންޖެހުނީ ސަރުކާރުން އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ޢާއްމުން ތުޙުމަތުކުރެއެވެ. އެ ގޮތުން ކޯވިޑް-19ން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުގެ އިތުރުން އެ ޤައުމުގައި ޓެކްސް ނެގުން މަދުކުރުމުން ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވެ ޢާއްމުންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުން ހުއްޓުނެވެ. އެއާއެކު މަހިންދަގެ އިތުރުން ގޮތަބަޔާވެސް އިސްތިޢުފާދެއްވުމަށް ގޮވާލައި ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ.

ސުރީ ލަންކާގެ އިދިކޮޅު ޕާޓީތަކުންވަނީ އެ ޤައުމުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ދެކޮޅުހަދައިފައެވެ. ބަދަލުގައި އެ ޕާޓީތަކުން ގޮވާލާފައިވަނީ ގޮތަބަޔާ އިސްތިޢުފާދެއްވުމަށެވެ. އަދި އެހެންނޫނަމަ އިތުބާރުނެތަކަމުގެ ވޯޓެއް ނަގާނެކަމަށް އެ ޕާޓީތަކުން ބުނެފައިވެއެވެ. ނަމަވެސް އިތުބާރުނެތަކަމުގެ ވޯޓެއް ފާސްކުރެވޭ ވަރަށް އިދިކޮޅު ޕާޓީތަކަށް މެންބަރުންވެސް ހަމައެއް ނުވެއެވެ. މީގެ ކުރިން އިތުބާރުނެތަކަމުގެ ވޯޓެއް ނަގައި ސުރީ ލަންކާގެ ރައީސެއް މަޤާމުން ބޭރުކުރެވިފައެއް ނުވެއެވެ.