ޚަބަރު

މަހިންދަ އަސްކަރިއްޔާގެ ޙިމާޔަތަށް، ގުޅިފައިވާ ސަރުކާރަކަށް އިދިކޮޅުން ބުނީ ނޫނެކޭ


ސުރީ ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހުންނެވީ އަސްކަރިއްޔާގެ ޙިމާޔަތުގައިކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ސުރީ ލަންކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ މަހިންދަގެ އަމިއްލަ ސަލާމަތަށްޓަކައި އޭނާ ހުންނެވީ ޓުރިންކޮމަލީ ޑޮކް ޔާޑުގައި އަސްކަރިއްޔާގެ ޙިމާޔަތުގައިކަމަށެވެ. އަދި ސުރީ ލަންކާގެ ޙާލަތު ރަނގަޅުވުމުން މަހިންދަ ބޭނުންފުޅުވާ ތަނަކަށް އޭނާ ގެންގޮސްދިނުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ޓުރިންކޮމަލީ ޑޮކް ޔާޑު ބަލަހައްޓަނީ ސުރީ ލަންކާގެ ކަނޑު ސިފައިންގެ މަރުކަޒެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. ނަމަވެސް އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ނުރައްކާތެރިވެ ޢާއްމުންވަނީ އެ ޤައުމުގެ އިސްވެރިންގެ ގެދޮރާއި ވިޔަފާރިތަކުގައި ހުޅުޖަހައިފައެވެ. އޭގެ ތެރޭގައި ރާޖަޕަކްސަގެ އާޢިލާއަށް ނިޞްބަތްވާ ގެދޮރުގައިވެސްވަނީ ހުޅުޖަހައި މަހިންދަ ރާޖަޕަކްސަ ހުންނެވި ގެއަށް އެތައް ހާސް ބަޔަކުވަނީ ޙަމަލާދީފައިވެއެވެ. އެ ޙަމަލާތަކުން ރާޖަޕަކްސަ ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދަކަށް ގެންގޮސްދީފައިވަނީ ސުރީ ލަންކާގެ އަސްކަރިއްޔާއިންނެވެ.

ސުރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ޤައުމުގެ ސިފައިންނާއި ފުލުހުންނަށް ދެއްވި ބޮޑެތި ބާރުތަކުގެ ދަށުން ކޯޓު ޢަމުރަކާ ނުލައި ނުރައްކާތެރި ޢަމަލުތައް ހިންގާކަމަށް ތުޙުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެއެވެ. އަދި ޢާއްމުންގެ ގެދޮރާއި މުދަލާއި އުޅަނދުތައްވެސް ކޯޓު ޢަމުރަކާ ނުލައި ބަލައިފާސްކުރުމުގެ ބާރުވަނީ ސިފައިންނާއި ފުލުހުންނަށް ލިބިފައެވެ. ސުރީ ލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް އަމަން ބަލަހައްޓަން ސިފައިން ނެރެފައިވަނިކޮށެވެ.

ބެލެވޭ ގޮތުގައި މަހިންދަގެ އިސްތިޢުފާއަށްފަހު ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށްށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރަން ދެކޮޅުހަދައިފައެވެ. އަދި ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް އޮތް ހަމައެކަނި ގޮތަކީ މަހިންދަގެ އިތުރުން ގޮތަބަޔާ އިސްތިޢުދާދެއްވުންކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ބުނެފައެވެ.