ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޑް ޓޭބަލް ޓެނިސް މުބާރާތުގެ ކެޑޭޓް އަންހެން ސިންގަލްސްގެ ފައިނަލަށް ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުން މި ސަރަހައްދުގެ ގަދަ ބާރު އިންޑިއާގެ ސަންދިކާ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-9، 11-6 އަދި 15-13 އިންނެވެ.
މި ބައިގެ ސެމީ ފައިނަލުން ދީމާ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ނޭޕާލްގެ އިވާނާ ތާޕާ ބަލިކުރުމަށް ފަހުއެވެ. ސީދާ ތިން ސެޓުން މޮޅުވި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-4، 11-9 އަދި 11-7 އިންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ޖޫނިއާ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުގައިވެސް ދީމާ ވަނީ ކުޅެފައެވެ. އެކަމަކު މި މެޗުން ދީމާ ވަނީ 3-1 ސެޓުން ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އިންޑިއާގެ ސުހާނި ސައިނީ ގެންދިޔައީ 11-8 އިންނެވެ. އަދި ދެވަނަ ސެޓު ސުހާނި ވަނީ ފަސޭހަކަމާއެކު 11-2 އިންނެވެ. އަދި ތިންވަނަ ސެޓު އޭނާ ކާމިޔާބުކުރީ 11-4 އިންނެވެ.
މި ބައިގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 3-1 ސެޓުން ނޭޕާލުގެ ކުޅުންތެރިޔާ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ސެޓު ދީމާއިން ފަސޭހަކަމާއެކު 11-4 ގެ ނަތީޖާއަކުން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުގައި ނޭޕާލްގެ ކުޅުންތެރިޔާ ވަނީ ތަފާތު ހިތްވަރަކާއެކު 9-11 ގެ ނަތީޖާއަކުން ދީމާގެ މައްޗަށް ކުރިހޯދާފައެވެ. އެހެން ނަމަވެސް ޖެހިގެން އައި ދެ ސެޓު ދީމާ ވަނީ ފަސޭހަކަމާއެކު، 11-1 އަދި 11-4 އިންނެވެ.
މި ފަހަރުގެ ކެޑޭޓް ބައިގެ ފައިނަލަށް ދީމާ ދަތުރުކުރިއިރު، މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލުގައިވެސް ދީމާ ވަނީ ވާދަކޮށްފައެވެ.