ޚަބަރު

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ދަރިވަރުން ތަމްރީނުކުރުމަށް އަމިއްލަ 5 ފަރާތަކާއި ހަވާލުކޮށްފި


ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން އިތުރު 35 ކޯހަކުން 1400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ 5 ފަރާތަކާއި ހަވާލުކޮށްފިއެވެ.

މިއީ ކޯވިޑްގެ ހާލަތުން ރާއްޖެ އަރައިގަނެ އިޤްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ޕްރޮގްރާމެކެވެ. ވޮކޭޝަނަލް ދާއިރާއިން އިތުރު 35 ކޯހަކުން 1400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ 5 ފަރާތަކާއި ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ހަފްލާއެއްގައި، އެއްބަސްވުންތައް ހަވާލުކޮށްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ވަބާއިން އަރައިގަތުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ ކަމަށާއި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ހުނަރުވެރި ވަރަށް ގިނަ ފަރާތްތައް އަމިއްލަ ވަޒީފާ ދޫކޮށް އަމިއްލަ ގައުމަށް ދިއުން އެއީ ގައުމަށް ދިމާވި އެއް ގޮންޖެހުން ކަމަށެވެ. އަދި މަސައްކަތްތަކަށް ބޭނުންވާ ހުނަރުވެރި ފަންނީ ޒުވާނުން ކުރު މުއްދަތެއްގެ ތެރޭގައި ތަމްރީނުކޮށްގެން ނެރުން އެއީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންއަކީ މިހާރަށްވުރެ އިހުތިރާމު ލިބިގެންވާ އަދި ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްދޭނެ ގިނަ ފަރާތްތައް އުފެދިގެންދާ ދާއިރާއަކަށް ވެގެންދިއުންކަމަށެވެ.

މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ މަސައްކަތުގެ ބާޒާރަށް ނެރެ މަސައްކަތްކޮށް، އަބުރުވެރި ބަޔަކަށް ހެދުންކަމަށާއި މިނިސްޓްރީގެ ވައުދަކީ އެމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންއަކީ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ އިހުތިރާމް ލިބިގެންވާ ދާއިރާއަކަށް ވެގެންދިއުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލްIII ގެ ކޯސްތައް ހިމެނެއެވެ.

ކޯސްތައް ހަވާލުކުރެވުނު ފަރާތްތަކަކީ:

- މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް
- މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
- މާލޭ ޕިޓްނެސް އެކަޑެމީ
- ވިލާ ކޮލެޖް
- ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މިހާތަނަށް މިޕްރޮގްރާމްގެ ދަށުން 26 ކޯހެއް ހިންގުމަށް ހަވާލުކޮށްފައި ވަނީ އަމިއްލަ 6 ފާރާތަކަށެވެ. އެއީ 915 ދަރިވަރުން ތަމްރީނުކުރުށެވެ. އަދި މީގެ އިތުރުން މޯލްޑިވިސް ޕޮލިޓެކްނިކް 19 ކޯހެއް ހިންގައި 600 ދަރިވަރުން ތަމްރީނު ކުރުމަށް ހަވާލުކޮށްފައެވެ. މިޕްރޮގްރަމްގެ ދަށުން މިހާތަނަށް 222 ދަރިވަރުން ވަނީ ދަސްވެނިވެ ގައުމީ ސަނަދު ޚާސިލުކޮށްފައެވެ.