ޚަބަރު

'ރީޑިފައިނިންގ މައިސް' ކެމްޕެއިން މެދުއިރުމަތީގައި ރަސްމީކޮށް ލޯންޗުކޮށްފި


މެދުއިރުމަތީގެ މާރކެޓުގައި 'ރީޑިފައިނިންގް މައިސް' ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މައިސް ސެގްމެންޓަށް، ނުވަތަ ބިޒްނަސް ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ހިންގާ "ރީޑިފައިނިން މައިސް" ބައިނަލްއަޤްވާމީ ކެންޕެއިން ލޯންޗްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައެވެ.

"ރީޑިފައިނިން މައިސް" ކެންޕެއިންގެ މަޤްސަދަކީ ރާއްޖޭގައި މައިސް ޓޫރިޒަމް (މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސަސް، އެގްޒިބިޝަންސް) އަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމެވެ. އަދި ރާއްޖެއަކީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުގެ މައިސްއަށް އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ސެގްމެންޓުގެ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.

މެދުއިރުމަތީގެ މާރކެޓުގައި 'ރީޑިފައިނިންގް މައިސް' ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ، މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވާ އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމްގެ ހަވާސާގައި އެމްއެމްޕީއާރުސީއާއި ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މައިސް ފަތުރުވެރިކަމަށް ހާއްސަ 'ރީޑިފައިނިންގް މައިސް' ކެމްޕެއިން ރަސްމީގޮތުން އިފްތިތާޙްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މި ހަފްލާ ބާއްވައިފާ ވަނީ ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ، ނުވަތަ ދުބައީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދިނުމަށް ބައިވެރިވެވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދާއި އެމްއެމްޕީއާރުސީގެ ޗީފް މާކެޓިންގ އޮފިސަރ ފާތިމަތު އަފްރާ, އަދި ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާމިނަތު ޝަބީނާއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑުން އަރައިގަތުމަށް ރާއްޖައިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތާއި، މި ހާލަތުގައި ރާއްޖެއަށް މެދުއިރުމަތީ މާކެޓުގެ މުހިންމުކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި މި މާކެޓަށް އަމާޒުކޮށް އޮފިޝަލްކޮށް ރީޑިފައިނިން މައިސް ކެމްޕެއިން ލޯޯންޗުކުރުމުގެ ތަފްސީލު ބައިވެރިންނާ ހިއްސާކުރެއްވިއެވެ.

އޭޓީއެމްއަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމާއި ގުޅޭ އެންމެ ބޮޑު ބައިނަލްއަޤްވާމީ އެއް ހަރަކާތެވެ. ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާތާ މިހަރު މިވަނީ 28 އަހަރުވެފައެވެ. މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް އަދި ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ.

މިދިޔަ އަހަރު 91413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސައުދީ އަރަބިޔާ އަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މ މި އަހަރު މާރިޗު މަހުގެ ނިޔަލަށް 21117 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދިވެހިރާއްޖޭގެ ރީތި ނަން މި މާކެޓުގާ ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވެއެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ދަތުރުތަކާއި, ރޯޑް ޝޯވ ބައިވެރިވުން ހިމެނެއެވެ.