ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު، ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ ބާރސާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މެމްފިސް ޑެޕާއި އެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެތަށް ވެފައިވަނިކޮށް ޕިއޭ އެމެރިކް އައުބެމެޔާންގް ވަނީ ބާރސާގެ ލިޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ބާރސާގެ ތިންވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހާދިނީވެސް އައުބެމެޔާންގްއެވެ. މިމެޗްގައި ސެލްޓާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 50 ވަނަ މިނެތްގައި ޖަހާދިނީ އިއާގަސް އަސްޕާސްއެވެ. އަދި މެޗްގެ 58 ވަނަ މިނެޓްގައި ސެލްޓާގެ މުރީޔޯއަށް ވަނީ ރަތްކަޑު ދައްކާފައެވެ.
މިމެޗްގެ ގަޑިއެއްހާއިރު ކުޅެވުފައިވަނިކޮށް ބާރސާގެ ޑިފެންޑަރ ރޮނާލްޑް އަރައުހޯގެ ބޮލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ. ބާރސާގެ ގާވީ އާއި ދެކުޅުންތެރިންގެ ބޯ ޖެހި ހިނގި މިހާދިސާ އާއި ގުޅިގެން އަރައުހޯއަށް ވަނީ ދަނޑު މަތީ ގިނައިރު ތަކެއް ވަންދެން ފަރުވާވެސް ދީފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޑޮކްޓަރާއި ހަވާލާދީ ބާރސާގެ ކޯޗް ޒާވީ ހެނާންޑޭޒް ހާމަކުރިގޮތުގައި އަރައުހޯ މިހާރު ހޭ އަރާފައިވާ ކަމަށާއި އޭނާ އަށް ކުރި ހީކުރި ގޮތާއި ޚިލާފަށް މާބޮޑު ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ މޮނީޓަރ ކުރުމަށްޓަކައި ރޭ ހޮސްޕިޓަލްގައި ބާއްވާނެކަމަށްވެސް ޒާވީ ބުންޏެވެ.
މިކާމިޔާބީއާއެކު ބާރސާ މިހާރު އުޅެނީ 36 މެޗުން ލިބިފައިވާ 72 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ސެލްޓަ ވީގޯ އުޅެނީ 43 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.