މިހާރު ކުރިއަށްދާ އެމްޓީސީސީ ބައިބަލާ ޗެލެންޖުގެ ފެށުން ބައިބަލާ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި ބީޖީ ސްޕޯޓްސް ކުލަބުން ރަނގަޅުކޮށްފިއެވެ.
މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބީޖީން ރޭގެ މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުން ބްރަދަހޫޑް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ޢީދު ބައިބަލާ މުބާރާތް 10 ފަހަރު ކާމިޔާބުކުރި ބީޖީ ސްޕޯޓްސް ކްލަބް މި މުބާރާތައް މި ނުކުތީ އަހަރުތަކަކަށް ފަހުއެވެ.
މީގެ އިތުރުން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އެލްޓީ ސްޕޯޓްސް ވެސް ވަނީ ގަދަ 16އަށް ދަތުރުކޮށްފައެވެ. އެލްޓީ އިން މި ގޭމު ކާމިޔާބުކުރީ ސީދާ ދެ ގޭމުން ޓީނޭޖް ވެޓަރެންސް ބަލިކޮށްގެންނެވެ.
ރޭ ބީޖީ ނިއުޖެނެރޭޝަނުން ވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ގަދަ 16އަށް ދަތުރުކޮށްފައެވެ. ރޮކް ސްޓްރީޓް ޒީ އާއި ބައްދަލުކުރި މެޗު ބީޖީ ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.
ރޭގެ މެޗު ގަދަ ހިފުމަކަށް ގޮސް ކާމިޔާބުކޮށް މަސްއޮޑި ވޯވޯ އިން ވެސް ވަނީ ގަދަ 16އަށް ދަތުރުކޮށްފައެވެ. މަސްއޮޑީ ވޯވޯ އާއި ދެކޮޅަށް ނުކުތީ ލޮރެންޒޯ ހައިނާސްއެވެ.
ކްލަބް 010 ރޭ ލޮރެންޒޯ ޕާކާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.
މީގެ އިތުރުން ބައިބަލާގެ ވަރުގަދަ ނަމެއް ކަމުގައިވާ ބުރު ސްޕޯޓްސް ކްލަބް ވަނީ ރޭ ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ. މި މެޗު ޔުނައިޓެޑް އީސްޓް ކޯސްޓުން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.
މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.