އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން ލިވަޕޫލް އަރާ ހަމަކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ވިލާގެއެވެ. މިގޮތުން މެޗްގެ 3 ވަނަ މިނެޓްގައި ވިލާއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑަގްލަސް ލުއިޒްއެވެ.
މިލަނޑާއެކު ލިވަޕޫލަށް ސިހުން ލިބިގެންދިޔަ ނަމަވެސް ވިލާއަށް މިލީޑު ދެމެހެއްޓޭ ވަރުވީ ތިން މިނެޓް ވަންދެނެވެ. މިގޮތުން މެޗްގެ 6 ވަނަ މިނެޓްގައި ލިވަޕޫލްގެ ޖޮއެލް މަޓިޕްވަނީ ލަނދެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗްގެ 65 ވަނަ މިނެތްގައި އެޓީމަށް ޖަހާދިނީ ފޯވަޑް ސާޑިއޯ މާނޭއެވެ.
މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރު ވެގެން ދިޔައެވެ. ހާއްސަކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރަން ވިލާގެ ޑެނީ އިންގްސްއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލުން މިވަނީ ލީގު ކާމިޔާބު ކުރުމަށް ކުރަމުންދާ އުންމިދު އަނެއްކާވެސް އާކޮށް، އެއްވަނައިގާ އުޅޭ ސިޓީ އާއި ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. ނަމަވެސް ޖަހާފައިވާ ލަނޑުގެ ތަފާތުން ކުރީގައި އުޅެނީ ސިޓީއެވެ. ލިވަޕޫލަށް މިހާރު ލިބިފައިވަނީ 36 މެޗުން 86 ޕޮއިންޓެވެ. ނަމަވެސް މިރޭ ވުލްވްސްއާ ބައްދަލުކުރާ މެޗް ކާމިޔާބު ކުރެވިއްޖެނަމަ ސިޓީއަށް އަނެއްކާވެސް ތިން ޕޮއިންޓެގެ ލިޑެއް ލިބިގެންދާނެއެވެ.