އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތް އެޅުމަށް ކުރީގެ ބައު ޖަމާލުއްދީން ތަޅާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާއެވެ.
2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާންދަނީމަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން އުފުލިއެވެ. މިއާއި އެކު ޢަރަބިއްޔާ ދަރިވަރުން އެ އިމާރާތުން ނެރުމަށް ސަރުކާރުން ނިމެވިއެވެ. އަދި އެކުދިންނަށް ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވިއެވެ.
ޢަރަބިއްޔާގައި ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލްގައި ނުކިޔެވޭނެކަން ފާހަގަކޮށް މި ނިންމުން ބަދަލުކޮށްދިނުމަށް އެދި ޢަރަބިއްޔާ ޕީޓީއޭ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާ ބެލެނިވެރިންގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އައްސަވާ ރައީސް ވަނީ ޢަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް އަޅުއްވާދެއްވާނެކަން ޔަޤީންކަށްދެއްވާ އެ ސްކޫލަށް ބައު ޖަމާލުދީން ހުރި ބިން ހަމަޖައްސަވާދެއްވާފައެވެ. އަދި އައު އިމާރާތް ނިމެންދެން ޢަރަބިއްޔާ ދަރިވަރުން ކިޔެވުމަށް ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތް ވަނީ ހަމަޖައްސަވާދެއްވާފައެވެ.
އަރަބިއްޔާ ސްކޫލަށް ދިމާވި މައްސަލަތައް ޙައްލުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކީ އަރަބި ތަޢުލީމަށް މި ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަވެގެންދިޔަ ކަމަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީޓީއޭ މެމްބަރުންވެސް ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެ ނިންމެވުމާއި އެކު މާގިނަ ދުވަސްތަކެއް ނުވެ އެކަމުގެ އަމަލީ މަސައްކަތް ވަނީ އެމަނިކުފާނުގެ އިރުޝާސުގެ ދަށުން ފައްޓަވާފައެވެ. ބައު ޖަމާލުއްދީންގައި މިހާތަނަށް ހިނގަމުން އައީ އިލެކްޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒު ހުސްކުރަން އެންގިއެވެ. އަދި އެތަން ހުސްކޮށް މިދިޔަ މަހު އެ ބިމާއި ސަރުކާރުންވަނީ ހަވާލުވެފައެވެ.
އަރަބި ތަޢުލީމަށް ސަރުކާރުން އިސްކަންދެއްވާކަން ހާމަވަނީ ބިން ހުސްކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީ އެ ބިމުގައި ހުރި ބައު ޖަމާލުއްދީންގެ އިމާރާތް ތަޅާލުމަށް ބަޔަކާއި މިވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އަދި މި މަސައްކަތައް ދައުލަތުގެ ބަޖެޓުން 2,491,000ރ ހަރަދުކުރާނެއެވެ.
ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ނިންމާ އަންނަ އަހަރު އެތަނުގައި ކިޔަވާދޭން ފެއްޓޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެކުރިން ހާމަކޮށްފައެވެ. 700 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދާ ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ޢަރަބިއްޔާގެ މަންހަޖާއި އިމްތިޙާނުތަކަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޤަބޫލުކުރާ މަންހަޖެކެވެ.