ޚަބަރު

ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް


ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެއޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނީ މެދުރާއްޖެތެރޭގައި 5 ފޫޓާއި 8 ފޫޓު ދެމެދު ކަމަށާއި، އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ދެމެދު ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރައްވައެވެ.

މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެކަމަށްވެސް އެ އޮފީހުން ބުނެއެވެ.