ޚަބަރު

ކުރީގެ ހުދުމުހުތާރުވެރިޔާގެ ދަރިކަލުން ފިލިޕީންސްގެ ރައީސްކަމަށް


ފިލިޕީންސްގެ ރިޔާސީ އިންތިޚާބު ފާދިނެންދު މާކޮސް ޖޫނިޔާ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.

ޢުމުރުފުޅުން 64 އަހަރުގެ މާކޮސް ޖޫނިޔާއަކީ 1986ވަނަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕާފުޅުގެ ހުދުމުހުތާރުވެރިކަން ނިމުނުފަހުން އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އެއާއެކު މީގެ 36 އަހަރުކުރިން ޢާއްމުން ކުރަން ފެށި ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން އަމިއްލަ ޤައުމު ދޫކޮށްދާން މަޖުބޫރުވި މާކޮސް ޢާއިލާއަށްވަނީ އެނބުރި ވެރިކަމަށް އައިސްފައެވެ. މާކޮސް ޖޫނިޔާގެ ބައްޕާފުޅުގެ ވެރިކަން ނިމުމަށް ގެނެސްފައިވަނީ 20 އަހަރުދުވަހު ވެރިކަންކުރެއްވިފަހުން އުފެދުނު ބޮޑު ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ނަމަވެސް 1991ވަނަ އަހަރުގެ ތެރޭގައި މާކޮސް ޖޫނިޔާވަނީ އެނބުރި ޤައުމަށް ވަޑައިގެން ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައެވެ.

ކުރިޔަށް އޮތް ހަ އަހަރުދުވަހު ފިލިޕީންސްގެ ރައީސްކަންކުރައްވާނެ މާކޮސް ޖޫނިޔާވެސް ގެންގުޅުއްވާނީ މިހާރުގެ ރައީސް ރޮދުރިގޯ ދުތާތޭގެ ސިޔާސަތުތައްކަމަށް ބެލެވެއެވެ. މާކޮސް ޖޫނިޔާގެ ރަނިންމޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާފައިވަނީ ދުތާތޭގެ ދަރިކަނބަލުން ސާރާ ދުތާތޭ ކާޕިޔޯއެވެ. އެހެންކަމުން ދުތާތޭއަށް އޮތް ޢާއްމުންގެ ބޮޑު ތާޢީދުވެސް ލިބިވަޑައިގެންނެވީ މާކޮސް ޖޫނިޔާއަށެވެ. އިންތިޚާބަށް ކެންޕޭނު ކުރެއްވުމުގައި މާކޮސް ޖޫނިޔާ ފާހަގަކުރެވުނީ ކެނޑިޑޭޓުންގެ ބަހުޘްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަރަށް ބީރައްޓެހި ބޭފުޅެއްގެ ގޮތުގައެވެ. މާކޮސް ޖޫނިޔާ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކެނޑިޑޭޓަށްވުރެ ދެގުނަ އިތުރަށް ވޯޓު ހޯއްދަވައިގެންނެވެ. ނަމަވެސް ވޯޓު އޮޅުވާލިކަމުގެ ތުޙުމަތުކޮށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ އޭނާއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ފިލިޕީންސްގެ އައު ރައީސް ހޮވުމުގެ އިތުރުން 65 މިލިޔަން މީހުންވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ގަވަރުނަރުންނާއި މޭޔަރުންނާއި ކައުންސިލަރުން އިންތިޚާބުކުރުމަށް ވޯޓުލައިފައެވެ.