ޚަބަރު

މަޖިލިސް ހުޅުވައި ޖަލްސާއަށް ރާނީގެ ބަދަލުގައި ޗާލްސް


ޞިއްޙީ ޙާލުކޮޅުގެ ސަބަބުން އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލިސް ހުޅުވައި ޖަލްސާ ޝަރަފުވެރިކޮށްދެއްވަން ވަޑައިގެންނެވުމަށް ރާނީ އެލިޒަބެތު އުޒުރުވެރިވެވަޑައިގެންފިއެވެ. އެއީ ފާއިތުވި 60 އަހަރުގެ ތެރޭގައި މަޖިލިސް ހުޅުވައި ޖަލްސާއަށް ރާނީ ވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލިސް ހުޅުވައި ޖަލްސާ ޝަރަފުވެރިކޮށްދެއްވަން ރާނީގެ ބަދަލުގައި ވަޑައިގެންފައިވަނީ ވަލީޢަހުދު ޗާލްސާއި އޭނާގެ ދޮށީ ދަރިކަލުން ވިލިއަމްސެވެ. އެ ޖަލްސާގައި ޗާލްސްވަނީ ސަރުކާރުން އިސްކަންދީގެން ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ވިދާޅުވެދެއްވައިފައެވެ.

ޞިއްޙީ ޙާލުކޮޅުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މުޙިއްމު ގިނަ ޙަފުލާތަކަކަށް ވަޑައިގެންނެވުމަށް ރާނީވަނީ އުޒުރުވެވަޑައިގެންފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރާނީއަށްވަނީ ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާދީފައެވެ. އަދި ބުރަކޮށް މަސައްކަތްނުކުރެއްވުމަށް ޑަކްޓަރުންވަނީ ރާނީއަށް ނަސޭޙަތްދީފައެވެ. އެހެންކަމުން ރަސްމީ ޙަފުލާއެއްގައި ރާނީ ބައިވެރިވެވަޑައިގެންފައިވަނީ އޭގެ ހަ މަސްދުވަސްފަހުންނެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލިސް ހުޅުވައި ޖަލްސާ ބާއްވަނީ ވަރަށް ޝަރަފުވެރިކަމާއެކުއެވެ. އެ ގޮތުން އިނގިރޭސިވިލާތުގެ ޝާހީ ތާޖުކޮޅާއި އެ ޤައުމުގެ ވިރާސީ ރަސްކަން ރަމުޒުކޮށްދޭ ޝާހީ ތަކެތި އެ ޖަލްސާއަށް ގެންދެއެވެ. އަދި އެ ޖަލްސާއަށް ރާނީ ވަޑައިގެންފައިވަނީ ރަސްމީ ޢިއްޒަތުގައި އަސްގާޑިޔާކޮޅުގައެވެ.

ޢުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބެތުގެ 70 އަހަރުވީ ދިގު ރަނިކަމުގައި އެ ޖަލްސާއަށް ވަޑައިނުގަންނަވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1959ވަނަ އަހަރު އެންޑުރޫއަށް ބަލިވެއިންނެވުމުންނާއި 1963ވަނަ އަހަރު އެޑުވަޑަށް ބަލިވެއިންނެވުމުންނެވެ. މީގެ ކުރިން ރާނީއާއެކު ޗާލްސްވަނީ އެ ޖަލްސާއަށް ވަޑައިގެންފައެވެ. ނަމަވެސް އެއީ ވިލްއަމްސް އެ ޖަލްސާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.