ޚަބަރު

ރަޝިޔާގެ ނަޞްރުގެ ދުވަހު ޔޫކްރެއިނަށް މިސައިލުގެ ވާރޭ


ކުލަގަދަ ރަސްމިއްޔާތުތަކާއި ވަރުގަދަ އަސްކަރީ ހިނގާލުންތައް ބާއްވައި ނަޞްރުގެ ދުވަސް ފާހަގަކުރުމަށްފަހު ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ވަރުގަދަކޮށްފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމަ 11ވަނަ ހަފުތާއަކަށް ދިގުދެމިގެންގޮސްފައެވެ. ރަޝިޔާގެ ޙަމަލާތަކުގައި ޔޫކްރެއިނުގެ ބޮޑެތި ރަށްތަކާއި އަވަށްތައް ބިމާހަމަވެ ހަ މިލިޔަން މީހުންވަނީ ޤައުމު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. އަދި ރަޝިޔާއިންވަނީ މީގެ ކުރިން ޔޫކްރެއިނަށް ނުދޭވަރުގެ ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ.

ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީ ޖަރުމަންވިލާތާ ދެކޮޅަށް ރަޝިޔާއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރުގައި އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ޔޫކްރެއިނަށް ޙަމަލާދޭން ޖެހުނީ މަޖުބޫރުވެގެންކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ. އެ ގޮތުން ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް ޖަމާކޮށް ރަޝިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާކޮށްފައިވާކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނުގެ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދިން ނަމަވެސް ރަޝިޔާގެ އަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމުގެ ސަލާމަތަށްޓަކައި ހިތްވަރާއެކު ހަނގުރާމަކުރުމަށް ރަޝިޔާގެ ފައުޖުތަކަށް ޕުޓިން ގޮވާލެއްވިފަހުން ޔޫކްރެއިނަށްވަނީ ވަރުގަދަ ޙަމަލާތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ރަޝިޔާއިންވަނީ އިރުމަތީގައި އޮންނަ ކާރްކީވަށާއި ދެކުނުގައި އޮންނަ އޮދޭސާއަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ.