ވިޔަފާރި

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު މި މަހުގެ 15 އަށް


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ސްމޯލް ގްރާންޓްސްއަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ލިބިގެންދާނެކަމަށެވެ.

މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބީއެމްއެލްގެ އަމާޒަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރުންކަން ސައީދު ވިދާޅުވިއެވެ.