ވިޔަފާރި

މަސްވެރިކަމާއި ގުޅުންހުރި ވަޒީފާގެ ފުރުސަތުތައް އިތުރުވެއްޖެ


2003 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ދާއިރާތަކުން 7,000 ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އިތުރުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ތެރޭގައި، މަސްވެރިކަމުގެ ސިނާޢަތާއި، މި ސިނާޢަތާއި ގުޅުން ހުރި ދާއިރާތަކުން ވަޒީފާގެ އަދަދުވަނީ ޖުމްލަ 7,915 އަށް އިތުރުވެފައެވެ. މަސްވެރިކަމުގެ ސިނާޢަތާއި މި ދާއިރާއާއި ގުޅުންހުރި ވަޒީފާތައް އިތުރުވެެފައިވަނީ، މަސައްކަތް ފެށި، ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދެވި ހުރި ބައެއް މަޝްރޫއުތަކާއި، އައިސްޕްލާންޓް ފަދަ ތަންތަނުގެ މަސައްކަތް އަލުން ހިނގައިގަތުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން މިދިޔަަ އަހަރުގެ އޮކްޓޫބަރު މަހު ތ. ފުނައްޑޫގައި މަސްގަތުމަށް ހަދާފައިވާ މަރުކަޒުގެ ޢަމަލީ މަސައްކަތްވަނީ ފަށާފައެވެ.މި މަރުކަޒުގެ މަސައްކަތް ފަށާފައި މިވަނީ 8 އަހަރު ހުއްޓިފައި އޮތުމަށްފަހުގައެވެ. އަދި، އައިލެންޑް އެންޓަރޕްރައިސެސްއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ށ. ކީކިމިނިން މަސްވެރިންނަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން މަސްވެރިން ބައިވެރިވާ ކޯޕަރޭޓިވްސް އުފައްދައިގެން، އެ އެކޯޕަރޭޓިވްސްތަކުން މަހާއި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފައިވާކަންވެސް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ވަޒީފާގެ ފުރުޞަތު އިތުރުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ.ރާއްޖެއިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ރާއްޖެއިން އަދާކުރާ ދައުރު ފުޅާކޮށް، މި މަސައްކަތްތައް ބަލައިގަންނަ ފަރާތްތައް އިތުރުވެ، ރާއްޖޭގެ ކަނޑުމަހާއި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާކަން ފާހަގަކުރެއްވޭކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.