ކުޅިވަރު

އެމްޓީސީސީ ބައިބަލާ ޗެލެންޖުގެ ކުޅުން ފަށައިފި


ދެ އަހަރުގެ މެދުކެންޑުމަކަށްފަހު ބައިބަލާ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖުގެ ކުޅުން ރޭ ފެށިއިރު، ރޭ ވަނީ ހަތް މެޗެއް ކުޅެފައެވެ. ރޭގެ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ރޮކް ސްޓްރީޓް ޒެޑް އާއި، މަސްއޮޑި ވޯވޯ އާއި، ކުލަބު ޓީނޭޖާއި، ކުލަބު އީގަލްސް އާއި، ބުރު ސްޕޯޓްސް ކުލަބާއި، ހުޅުމާލެ ސްޕޯޓްސް ކުލަބުގެ އިތުރުން ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ރޮކް ސްޓްރީޓް ޒެޑްއިން ކާމިޔާބުކުރީ ޓީސީ ލަޔަންސްއާ ގަދަ ހިފުމުގައި ވާދަކުރުމަށްފަހު ދެ ގޭމް އެއް ގޭމުންނެވެ. އަދި ދެވަނަ މެޗު މަސްއޮޑި ވޯވޯއިން ކާމިޔާބުކުރީ ކުލަބު އެސްޑީޒެޑް އަތުން ދެ ގޭމުންނެވެ.

މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ކުލަބު ޓީންއޭޖުން ވަނީ ކުލަބު އޯވަންއޯ އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. އަދި ހަތަރުވަނަ މެޗުން އީގަލްސް މޮޅުވީ ރޮކް ޒެޑް އަތުން ސީދާ ދެ ގޭމުންނެވެ.

މުބާރާތުގެ ފަސްވަނަ މެޗުގައި މަސްއޮޑި ޓައިޓަންސްއާ ވާދަކޮށް ގަދަ ހިފުމުގައި ވާދަކުރުމަށްފަހު ދެ ގޭމް އެއް ގޭމުން ކާމިޔާބުކުރީ ބުރު ސްޕޯޓްސް ކުލަބެވެ. އަދި ހަވަނަ މެޗުގައި ލިޓިލް ޓައުން އަތުން ހުޅުމާލެ ސްޕޯޓްސް ކުލަބު މޮޅުވީ ސީދާ ދެ ގޭމުންނެވެ. މީގެ އިތުރުން ރޭ ކުޅުނު ފަހު މެޗުން ލޮރެންޒޯ މޮޅުވީ ޓީސީ ފްރެޓާނިޓީ އަތުން ސީދާ ދެ ގޭމުންނެވެ.

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.