އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގައި ސްޓޭން ވަވްރިންކާ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.
މިއީ ވޭތުވެދިޔަ 15 މަސް ތެރޭގައި ވަވްރިންކާއަށް ކާމިޔާބުކުރެވުނު އޭޓީޕީ ޓުއާގެ ފުރަތަމަ މެޗެވެ.
މީގެ ކުރިން ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ވަވްރިންކާއަށް 2021 ވަނަ އަހަރުގެ މާޗް މަހުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވޭތުވެދިޔަ ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ ކުޅުމާ ދުރުގައެވެ. އަދި މިއި އޭނާ ކުޅުނު ޓުއާގެ ދެވަނަ މެޗެވެ.
އުމުރުން 37 އަހަރުގެ ވަވްރިންކާ އޭނާގެ މެޗު ކާމިޔާބުކުރީ އެމެރިކާގެ ރެއިލީ އޮޕެލްކާ އަތުން ދެ ސެޓް އެއް ސެޓުންނެވެ. އެއީ ތިނެއް ހައެއް، ހަތެއް ފަހެއް އަދި ހައެއް ދޭކުންނެވެ. މިމުބާރާތުގައި އިނގިރޭސިވިލާތުގެ ޑެން އިވާންސް އާއި ޖޯޖިއާގެ ނިކޮލޯޒް ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ނިކޮލޯޒްއެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ދޭކުންނެވެ.
މީގެއިތުުރުން އަންހެނުންގެ ބައިން ޖަޕާންގެ ނައޯމީ އޮސާކާ ވަނީ އޭނާއަށް މެޑްރިޑް އޯޕަންގައި ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީ އިޓާލިއަން އޯޕަންއިން ވަކިވެފައެވެ. ނައޯމީ ހާމަކުރިގޮތުގައި ފްރެންޗް އޯޕަން ކުރިއަށް އޮށްވައި އަނިޔާއިން އެއްކޮށް ރަނގަޅުނުވެ ކުޅުން ރަނގަޅު ކަމަކަށް ނުފެންނާތީ، މިވަގުތަށް ރެސްޓުކުރަން ނިންމީ ކަމަށެވެ. ފްރެންޗް އޯޕަން މިފަހަރު ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.