ޚަބަރު

ޕީޕީއެމްއިން ނަހުލާ ވަކިކުރަން ނިންމައިފި


މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ ޕީޕީއެމްއިން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

ނަހުލާގެ އިތުރުން އޭނާގެ މަންމަ އައިމިނަތު ލީލާވެސް ޕީޕީއެމްއިން ވަކިކުރަން އެޕާޓިގެ ސުލޫކީ ކޮމިޓީން ނިންމާފައިވެއެވެ.

ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަންފެށީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، އެމީހުން "އެންޓި ކެމްޕެއިން" ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބިފައިވާކަމަށް ބުނެއެވެ.

ސުލޫކީ ކޮމެޓީން އެކަން ބެލުމަށްފަހު ވަނީ ނަހުލާއާއިމެދު ކުރާ ކަންކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ބުނެ އެނާއާއި އޭނާގެ މަންމަ ޕީޕީއެމްއިން ވަކި ކުރުމަށް ނިންމާފައެވެ.

ނަމަވެސް ޕީޕީއެމްއިން ކުރާ ތުހުމަތުތައް ނަހުލާ ވަނީ ދޮގުކޮށްފައެވެ. ނަހުލާގެ ފޭސްބުކް އާއްމު ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި، އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައ-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ކައުންސިލަރު ޝުޖާއު އޭނާއަށް އިންޒާރުވެސް ދީފައިވާކަމަށެވެ.

"މާލެ ސިޓީގެ މޭޔަރ ކުރިފުޅުމަތީ، ސިޓީ ކައުންސިލް އޮފީހުގައި މުވައްޒަފުންގެވެސް ކުރިމަތީ ވަނީ އިންޒާރު ދީ ބިރު ދައްކާފައި. މިކަން ވާނީ މޭޔަރގެ ވެސް ހާޒިރުގައި ޕީޕީއެމްގެ ލީޑަރޝިޕަށް ހުށަހަޅާފައި" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޭނާ ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔަމީންކަމަށާއި ރައީސް ޔަމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކެއް ޕީޕީއެމްގައި އުޅޭކަމަށެވެ. އަދި އެފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން ވަރަށް ބޮޑުކަމަށް ނަހުލާ ވިދާޅުވިއެވެެ.