ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެ ހަމަނުޖެހުން ބޮޑުވެ އެންމެފަހުން އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާދެއްވައިފިއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުން ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުންވެސް އެ ޤައުމުގައި ބާއްވަމުންދާ ބޮޑެތި އެއްވުންތައް ނުހުއްޓުވި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާމެދުވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އެ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ނުރައްކާތެރި ޙަމަލާތައް ދޭން ފެށުމުން ފުލުހުންނާއި ސިފައިންނަށް އެ ޙާލަތު ހުއްޓުވަންވަނީ އުނދަގޫވެފައެވެ. އެ ހަމަނުޖެހުންތަކުގައި 78 މީހުން ޒަޚަމުވިއެވެ. އެއާއެކު ސުރީ ލަންކާގެ ސަރުކާރުންވަނީ ކާފިޔުވެސް އިޢުލާނުކޮށްފައެވެ.
ބޮޑުވަޒީރުގެ މަޤާމުން ޢުމުރުފުޅުން 76 އަހަރުގެ މަހިންދަ އިސްތިޢުފާދެއްވުމަށް އޭނާ ނިޞްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް މެންބަރުންވެސް ބާރުއެޅިއެވެ. އިސްތިޢުފާދެއްވުމުގެ ކުރިން މަހިންދަ ވިދާޅުވެފައިވަނީ ރައްޔިތުންނަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެވަޑައިގަތުމަށްވެސް ތައްޔާރަށް ހުންނެވިކަމަށެވެ. އޭނާގެ އިސްތިޢުފާއާއެކު ސަރުކާރުގެ ބައެއް އިސްވެރިންވެސްވަނީ އިސްތިޢުފާދޭން ފަށައިފައެވެ.
ބެލެވޭ ގޮތުގައި މަހިންދަގެ އިސްތިޢުފާއަށްފަހު ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށްށެވެ. ނަމަވެސް މީގެ ކުރިން އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރަން ދެކޮޅުހަދައިފައެވެ. އަދި ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް އޮތް ހަމައެކަނި ގޮތަކީ މަހިންދައާއި ގޮތަބަޔާ އިސްތިޢުދާދެއްވުންކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ބުނެފައެވެ.