ސުރީ ލަންކާއިން ކައްކާ ގޭސް ހުސްވާން ކައިރިވެފައިވާކަމަށް އެ ޤައުމުގެ ގޭސް ކުންފުނިން ބުނެފިއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ކޯވިޑް-19ގެ ސަބަބުން ސުރީ ލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއާއެކު އެ ޤައުމަށް ބޭނުންވާއި ގޭހާއި ތެލާއި ކާބޯތަކެއްޗާއި ބޭސް ގަތުމަށް ބޭރުގެ އިދާރާތަކާއި ޤައުމުތަކުގެ މާލީ އެހީތެރިކަމަށް އެދުމަށްވަނީ މަޖުބޫރުވެފައެވެ.
ސުރީ ލަންކާގެ ޤައުމީ ގޭސް ކުންފުނިން ބުނެފައިވަނީ ގޭސް ގަންނަން ޑޮލަރު ނުލިބޭކަމަށާއި ކުރިޔަށް އޮތް ދެ ދުވަހު ގޭސް ވިއްކުމަށް ނިންމާފައިވަނީ ވަކި ޢަދަދަކަށްކަމަށެވެ. އެ ގޮތުން ކުރިޔަށް އޮތް ދެ ދުވަހު 10،000 ސިލިންޑަރުގެ ގޭސް ވިއްކުމަށް ނިންމި ނަމަވެސް ވަރަށް އަވަހަށް 3،500 މެޓުރިކް ޓަނުގެ ގޭސް އެ ޤައުމަށް ގެނެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއާއެކު ދުވާލަކު 80.000 ސިލިންޑަރުގެ ގޭސް ވިއްކޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސުރީ ލަންކާއަށް މަހެއްގެ މައްޗަށް 40،000 މެޓުރިކް ޓަނުގެ ގޭސް ބޭނުންވެއެވެ. އެ ޢަދަދަށް ގޭސް ގަންނަން އެ ޤައުމުން މަހެއްގެ މައްޗަށް 40 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ. އެ ޤައުމުގައި ކައްކާ ގޭސް ހުސްވާން ފެށުމުން ޢާއްމުންވަނީ ސިލިންޑަރުތައް ހިފައިގެން ގޭސް ގަންނަން މަގުތައްމަތީގައި ސަފުތައް ހަދައިފައެވެ. ސުރީ ލަންކާގެ ދެވަނައަށް އެންމެ ބޮޑު ގޭސް ކުންފުނިންވެސް ބުނެފައިވަނީ ގޭސް ގަންނަން ޑޮލަރު ނުލިބޭކަމަށާއި ކުރިޔަށް އޮތް ހަފުތާއެއް ވަންދެން ގޭސް ލިބުމުގައި ދަތިވާނެކަމަށެވެ. އެ ކުންފުނީގައި ބާކީ ހުރީ 2،000 މެޓުރިކް ޓަނުގެ ގޭސްކަމަށްވެއެވެ.
ސުރީ ލަންކާގައި ހިތްހަމަނުޖެހިފައިވާ ޢާއްމުން ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އެއީ ފާއިތުވި ފަސް ހަފުތާގެ ތެރޭގައި އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ދެވަނަ ފަހަރެވެ. ނަމަވެސް އެ ނިންމުމަށް ބޯނުލަނބާ ޢާއްމުންވަނީ އަނެއްކާވެސް މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ފަށައިފައެވެ. އެއާއެކު ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ އިދިކޮޅު ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ވެރިރަށް ކޮލޮނބޯގައިވަނީ ކާފިޔު އިޢުލާނުކޮށްފައެވެ.