ކުޅިވަރު

މެވްރިކްސް އާއި ސިކްސާސްއިން ކުޅުނު މެޗުތައް ކާމިޔާބުކޮށް ސީރީޒް ހަމަހަމަކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ކޮންފަރެންސް ސެމީ ފައިނަލުގައި ޑެލަސް މެވްރިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗުތައް ކާމިޔާބުކޮށް ސީރީޒް ހަމަހަމަކޮށްފިއެވެ.

ވެސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި އެއްވަނަ ޓީމް ފީނިކްސް ސަންސް އާއި ހަތަރު ވަނަ ޓީމް ކަމަށްވާ މެވްރިކްސް ބައްދަލުކުރި ހަތަރުވަނަ މެޗް މެވްރިކްސް ކާމިޔާބުކުރީ 111 ޕޮއިންޓް 101 ޕޮއިންޓުންނެވެ. މިކާމިޔާބީއާއެކު 7 މެޗްގެ މިސީރީޒް މިހާރު މިވަނީ ދެ މެޗް ދެމެޗުން އެއްވަރު ވެފައެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 26 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. އަދި ސަންސްގެ ޑެވިން ބޫކަރވަނީ 35 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ފަސްވަނަ މެޗް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސަންސްގެ ކޯޓުގައެވެ.

މިމުބާރާތުގެ އީސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި އެއްވަނަ ޓީމް މައޭމީ ހީޓް އާއި ހަތަރުވަނަ ޓީމް ސިކްސަރސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކުރީ 116 ޕޮއިންޓް 108 ޕޮއިންޓުންނެވެ. އެހެން ކަމުން މިސީރީޒްވެސް މިހާރު މިވަނީ ދެމެޗް ދެމެޗުން އެއްވަރު ވެފައެވެ. މިދެތީމްގެ މެދުގައި ކުޅުނު ހަތަރު ވަނަ މެޗްގައި ސިކްސަރސްގެ ޖޭމްސް ހާޑެންވަނީ 31 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ހީޓްގެ ޖިމީ ބަޓްލަރވަނީ 40 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. މިދެތީމްގެ މެދުގައި ކުޅޭ ފަސްވަނަ މެޗް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ މައޭމީގައެވެ.