ޚަބަރު

ޔޫކްރެއިނަށް ގެއްލުން ބޮޑު ދުވަހެއް، ޕޮޕަސްނާ ޗެޗުނިޔާގެ ހަނގުރާމަވެރިންނަށް


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކުގެ ރަށެއްކަމަށްވާ ޕޮޕަސްނާ ޗެޗުނިޔާގެ މުސްލިމު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ޔޫކްރެއިނަށް ޙަމަލާދެމުންދާ ރަޝިޔާގެ ފައުޖުތަކާއެކު ހަނގުރާމަކުރަމުންދާ ޗެޗުނިޔާގެ އެންމެ އިސްވެރިޔާ ރަމުޒާން ކަދީރޯފުވަނީ އޭނާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ޕޮޕަސްނާ ގެނެސްފައިވާކަން އިޢުލާނުކުރައްވައިފައެވެ. ޗެޗުނިޔާގެ ހަނގުރާމަވެރިންގެ އިތުރުން ރަޝިޔާގެ ތަޖުރިބާކާރު ވެގުނާ ގުރޫޕުގެ ކުލީ ސިފައިންވެސްވަނީ ޕޮޕަސްނާއަށް ޙަމަލާދިނުމުގައި ބައިވެރިވެފައެވެ.

ފާއިތުވި މަސްދުވަހުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައްވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު ދޮންބާސްގެ ލުހާންސްކާއި ދޮންޔެސްކުގެ ބޮޑު ބައެއް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ ދެކުނުގައި އޮންނަ އޮދޭސާއަށް ދެމުންދާ ޙަމަލާތައްވެސްވަނީ ރަޝިޔާއިން ވަރުގަދަކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިނަށް ޕޮޕަސްނާ ގެއްލުމުގެ އިތުރުންވެސް ބޮޑެތި ގެއްލުންތަކަކާވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކަޅު ގަނޑުގައި އޮންނަ ރަށެއްކަމަށްވާ ސުނޭކް އައިލެންޑު އަނބުރައި އަތުލުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ޔޫކްރެއިނުގެ ސިފައިން މަސައްކަތްކޮށްފައިވަނީ ކުއްލި ޙަމަލާއެއް ދިނުމަށްފަހު އެ ރަށް އަތުލުމަށެވެ. ނަމަވެސް ރައްދުގައި ރަޝިޔާއިން ދިން ޙަމަލާތަކުގައި ޔޫކްރެއިނުގެ ހަތަރު ހަނގުރާމަމަތީ މަތިންދާބޯޓާއި ހަތަރު ހަނގުރާމަމަތީ ހެލިކޮޕުޓަރުވަނީ ވައްޓާލައިފައެވެ. ސުނޭކް އައިލެންޑަކީ ހަނގުރާމައިގެ ވަރަށް ކުރީކޮޅު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ރަށެކެވެ.