ކުޅިވަރު

އާ ވެރިންގެ ކުރިމަތީގައި ޗެލްސީ ފަހު ވަގުތު އެއްވަރު


އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެހްލީ އިސްވެ އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަންނަން ނިންމާފައިވާއިރު، ބޮއެހްލީ ކުރިމަތީގައި ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ވުލްވްސްއާ އެއްވަރުވެއްޖެ އެވެ.

ރަޝިޔާގެ ވިޔަފާރިވެރިޔާ ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ ރަޝިޔާއިން ޔޫކްރެއިނަށް އަރުމާއި ގުޅިގެން، އޭނާއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭކަން ހާމަވުމާއި ގުޅިގެންނެވެ. ޗެލްސީން ހާމަކުރިގޮތުގައި އަލަށް ކުލަބާއި ހަވާލުވާ ވެރިން ޗެލްސީގެ ހިއްސާ ގަތުމަށް 2.5 ބިލިއަން ޕައުންޑް ޚަރަދުކުރާނެއެވެ. އަދި އެ ފައިސާ ޖަމާކުރެވިގެންދާނީ މިހާރު ފްރީޒް ކޮށްފައިވާ އެކައުންޓަކަށް ކަމަށާއި، އަދި އެ ފައިސާ މިހާރު ޑޮނޭޓުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

ޗެލްސީން ހާމަކުރާގޮތުގައި އެ ކުލަބު ވިއްކާލުމުގެ ކަންތައްތައް މިމަހުގެ ފަހުކޮޅު ނިންމާލެވޭނެއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ކުލަބާ އަލަށް ހަވާލުވާ ބޮއެހްލީ ވަނީ އެ ދަނޑުގެ ވީއަޕީ ޒޯނުގައި އިނދެ ބަލާފައެވެ. މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ރުބެން ލޮފްޓަސް-ޗީކް ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ 56 ވަނަ މިނެޓުގައި ވީއޭއާރް ބެލުމަށްފަހު ޗެލްސީއަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް، ރޮމެލޫ ލުކާކޫ ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ލުކާކޫ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވުލްވްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސިސްކޯ ޓްރިންކާއޯއެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ފަހު މިނެޓުގައި ކެޕްޓަން ކޮނާ ކޯޑީ ވަނީ ލަނޑެއް ޖަހައި، ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު 35 މެޗުން ލިބުނު 67 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 63 ޕޮއިންޓް ލިބިފައެވެ.