އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލިއްޖެއެވެ.
ބްރައިޓަން ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބްރައިޓަނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮއިސެސް ސައިސޭޑޯއެވެ.
ބްރައިޓަނުން ދެން މި މެޗުގައި ކާމިޔާބުކުރި އަނެއް ތިން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ބްރައިޓަނަށް ލީޑުފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މާކް ކުކުރޭލާއެވެ.
އަދި މެޗުގެ 57 ވަަނަ މިނެޓުގައި ޕަސްކާލް ގްރޮސް ވަނީ ބްރައިޓަނުގެ ތިވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑެވެ. މި ލަނޑު ޖަހަން ޓްރޮސާޑް ބޯޅަ ގޯލަށް ވައްދާލީ އަތުން ކަމަށް އެޕީލްކުރުމުން، ގޯލު ބަލަގެންފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަވަަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 37 މެޗުން ލިބުނު 58 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ގަދަ ހަތަރަކަށް ވަދެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. މިއީ ޔުނައިޓެޑުން ފާއިތުވި 30 އަހަރު އެންމެ މަދުން ޕޮއިންޓް ހޯދާ ސީޒަނެވެ.