އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ އެއްވަރުވެ، ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެއެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ކޯނަރަކުން ލިވަޕޫލުގެ ވާޖިލް ވެން ޑައިކް ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ޓޮޓެންހަމުގެ ޕިއޭ އެމީލް ހޮއިބިއާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ޓޮޓެންހަމުން ލީޑު ނަގާފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައި ސޮން ހެއުން މިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ލީގުގައި ސޮން ޖެހި 20 ވަނަ ލަނޑެވެ. އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ.
މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 35 މެޗުން ލިބުނު 83 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 34 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެގެން ސިޓީއަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.