ޚަބަރު

ޔޫކްރެއިނުގައި ޞުލްޙަ ޤާއިމުކުރުމަށް ސަލާމަތީ މަޖިލީހުން ފުރަތަމަ ފަހަރަށް ގޮވާލައިފި


ޔޫކްރެއިނުގައި ޞުލްޙަ ޤާއިމުކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ފުރަތަމަ ފަހަރަށް ގޮވާލައިފިއެވެ.

ޔޫކްރެއިނުގައި ހަނގުރާމަކުރަމުންދާ ރަޝިޔާގެ ތާޢީދާއެކު ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔޫކްރެއިނުގެ ޞުލްޙައާއި ސަލާމަތަށްޓަކައި ކަންބޮޑުވާކަމަށާއި އަދި ހުރިހާ ދެބަސްވުންތަކެއް ޙައްލުކުރަންވާނީ އދގެ ޗާޓަރާ އެއްގޮތްވާގޮތުގެމަތިން މަޝްވަރާކޮށްގެންކަމަށެވެ. ނޯވޭއާއި މެކްސިކޯއިން އިސްވެ އެކުލަވާލި ބަޔާނުގައި ޔޫކްރެއިނުގެ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯއްދެވުމަށް އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތަޚޭޝް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. ދާދިފަހުން ގުތަޚޭޝްވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާއި ޔޫކްރެއިނުގެ ވެރިރަށް ކިޔޭވުގައި އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި ދާޢީމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރައްވައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ޤަރާރެއް ފާސްކުރުމަށް ސަލާމަތީ މަޖިލީހުން މަސައްކަތްކުރިއެވެ. ނަމަވެސް ރަޝިޔާއިންވަނީ އެ މަސައްކަތަށް ހުރަސްއަޅައިފައެވެ. އަދި އެ ޤަރާރަށް ޗައިނާއާއި އިންޑިޔާއާއި ޔޫއޭއީގެ ތާޢީދެއްވެސް ނުލިބުނެވެ. އދގެ ޢާއްމު މަޖިލީހުންވަނީ ރަޝިޔާއާ ދެކޮޅަށް ދެ ފަހަރެއްގެމަތިން ޤަރާރެއް ފާސްކޮށްފައެވެ. ނަމަވެސް އެއީ ތަންފީޒުކުރުން ލާޒިމުވާ ޤަރާރުތަކެއް ނޫނެވެ.