ޚަބަރު

ގިނަ ޢަދަދެއްގެ ޤައިދީން ސަޢުދީން މިނިވަންކޮށް ޔަމަނަށް ފޮނުވާލައިފި


ސަޢޫދީ ޢަރަބިއްޔާއިން ޙައްޔަރުކޮށްފައިވާ ޚޫޘީ ޖަމާޢަތަށް ނިޞްބަތްވާ 100އަށްވުރެ ގިނަ ހަނގުރާމަވެރިން މިނިވަންކުރުމަށްފަހު އަނބުރާ ޔަމަނަށް ފޮނުވާލައިފިއެވެ.

ސަޢުދީ ޢަރަބިއްޔާއިން މީގެ ކުރިން ބުނެފައިވަނީ ޚޫޘީންގެ 163 ހަނގުރާމަވެރިން މިނިވަންކުރާނެކަމަށެވެ. އެ ގޮތުން އެ ޤައުމުން ބުނެފައިވަނީ ރެޑު ކުރޮސް މެދުވެރިކޮށް 108 ހަނގުރާމަވެރިން ޢަދަނަށް އަދި އިތުރު ނުވަ ހަނގުރާމަވެރިން ޞަންޢާއަށް ފޮނުވާލާފައިވާކަމަށެވެ. ރެޑު ކުރޮސުންވަނީ ޖުމުލަ 117 ހަނގުރާމަވެރިން ޔަމަނަށް ގެނެސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޚޫޘީން ބުނެފައިވަނީ ސަޢުދީ ޢަރަބިއްޔާއިން މިނިވަންކޮށްފައިވަނީ ވަޢުދުވި މިންވަރަށްވުރެ މަދު ޢަދަދެއްގެ ބައެއްކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ ޚޫޘީންނާ އެއްވެސް ގުޅުމެއްނެތް ބައެއްކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން މިނިވަންކޮށްފައިވާ މީހުންގެ ތެރޭގައި ކަނޑުމަތިން ހައްޔަރުކޮށްފައިވާ މަސްވެރިންނާއި އެފްރިކާގެ އެކި ޤައުމުތަކަށް ނިޞްބަތްވާ ބިދޭސީން ހިމެނޭކަމަށާއި އެ މީހުންނާ ޙަވާލުނުވާނެކަމަށް ޚޫޘީން ބުނެފައިވެއެވެ.

އދ މެދުވެރިވެގެން ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތަކުގައި ޚޫޘީންވަނީ އެ ޖަމާޢަތުގެ 1،400 ހަނގުރާމަވެރިން މިނިވަންކޮށްފިނަމަ ބަދަލުގައި 823 މީހުން މިނިވަންކުރުމަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސަޢުދީ އަރަބިއްޔާއަށް ނިޞްބަތްވާ 16 މީހުންނާއި ސޫދާނަށް ނިޞްބަތްވާ ތިން މީހުން ހިމެނެއެވެ. މި އަހަރުގެ ތެރޭގައި ޚޫޘީންވަނީ 400 ޤައިދީން މިނިވަންކޮށްފައެވެ. އެންމެ ފަހުން ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު 1،000 ޤައިދީން މިނިވަންކޮށްފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ސަޢުދީ އަރަބިއްޔާއިން ތާޢީދުކުރާ ޚޫޘީން ޢަބްދުރައްބު މަންޞޫރު ހާދީގެ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ. އަދި މަންޞޫރު ހާދީވަނީ ވެރިކަމުގެ ބާރުތައް ރިޔާސީ މަޖިލީހަކަށް ބަދަލުކުރައްވައި އޭނާގެ ނައިބު މަޤާމުން ވަކިކުރައްވައިފައެވެ.