ކުޅިވަރު

އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން އާޓެޓާ އާކޮށްފި


އާސެނަލާއެކު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު އާސެނަލްގެ ކޯޗްކަމުގެ މަގާމާއި ހަވާލުވި އާޓެޓާ، އައު އެއްބަސްވުމާއެކު އެ ކްލަބްގައި 2024-2025 ވަނަ އަހަރުގެ ސީޒަން ނިމެންދެން މަޑުކުރާނެއެވެ.

އާޓެޓާ އާސެނަލްގައި މިހޭދަކުރި ދެއަހަރުގައި އޭނާ ވަނީ އެފްއޭ ކަޕްގެ ތަށި ކާމިޔާބުކޮށްދީ އަދި މިސީޒަންގައި މިހާތަނަށް ތާވަލްގެ ހަތަރުވަނައަށް އެ ޓީމް އަރުވާދީފައެވެ. އަދި މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރު އާސެނަލްއަށް ވަރަށް ބޮޑަަށް އެބައޮތެވެ.

އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އާޓެޓާ ބުނީ އެ ކްލަބުން ބޭނުންވަނީ އާސެނަލް ދެން އޮތް ހަރުފަތަށް ގެންގޮސް އެންމެ މަތީ ފަންތީގައި އަލުން ވާދަކުރުމަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ ޗެމްޕިއަންސް ލީގުން ޖާގަހޯދައިގެންކަމަށް އޭނާ ބުންޏެވެ.

އާޓޓާގެ އިތުރުން އާސެނަލް ވިމެންގެ ކޯޗް ޔޯނަސް އެއިޑަވާލްވެސް ވަނީ އޭނާ އެކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. މިދިޔަ ސީޒަންގައި އާސެނަލް ވިމެންގެ ކޯޗް ކަމާއި ހަވާލުވި އެއިޑަވާލް މިއާ އެއްބަސްވުމާއެކު 2023-2024 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެކްލަބްގައި ހުންނާނެއެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އާސެނަލް ވިމެން މިސީޒަންގައިވަނީ ވިމެންސް ސުޕަރ ލިގުގައި އެންމެފަހު މެޗަށް ނިކުންނައިރު ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހެވިފައެވެ.

އާސެނަލްގެ ޑިރެކްޓަރ ޖޯޝް ކްރޮއެންކާ ހާމަކުރިގޮތުގައި މިއެއްބަސްވުމުގެ ސަބަބުން ކްލަބަށް ހަމަޖެހުން އައިސް މުސްތަގްބަލަށް މަސައްކަތް ކުރާނެ މަގު ސާފުވާނެކަމަށެވެ.