ކުޅިވަރު

ޗެމްޕިއަންސް ލީގުން ކެޓުމަކީ ނާކާމިޔާބީއެއްގެ ގޮތުގައި ސިފައެއް ނުކުރަން: ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ނުކުރެވި މުބާރާތާ އަލްވަދާއު ކިޔަން ޖެހުމަކީ ނާކާމިޔާބީއެއްގެ ގޮތުގައި ނުދެކޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރެއާލް މެޑްރިޑާއި ވާދަކުރި ސެމީ ފައިނަލްގެ ދެވަނަ ލެގްގެ 90 މިނެޓާއި ހަމައަށް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރީގައި އޮތީ ސިޓީއެވެ. ނަމަވެސް 90 ވަނަ މިނެޓާއި އިތުރު ވަގުތާއި އަދި ނަތީޖާ ނެރުމަށް ފަހުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގައި ޖެހި ތިން ލަނޑައެކު ރެއާލްއިން ވަނީ މި ކުރިމަތިލުން ކާމިޔާބުކޮށް ފައިނަލްގެ ޖާގަހޯދިއެވެ.

ގާޑިއޯލާ ބުނީ ސެމީފައިނަލުން ބަލިވުމަކީ ނާކާމިޔާބީއެއް ކަމަށް މީހުން ބުނާކަމަށްވާނަމަ އެކަމާއި އޭނާ އެއްބަސް ނުވާނެކަމަށެވެ. އެއީ ޗެމްޕިއަންސް ލިގުގެ މިހާހިސާބަށް ދެވުމަކީ ފަސޭހަ ކަމެއް ނޫންކަން ކްލަބްގެ ހުރިހާ ފަރާތްތަކަކަށް އެނގޭ ކަމަށްވެސް ބުންޏެވެ. އަދި ކްލަބްގެ ވިސްނުމަކީ މިފަހަރު ނުވުމުން މިއަންނަ ފަހަރު އަނެއްކާވެސް އެތަށި ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

ގާޑިއޯލާ ބުނީ ސެމީފައިނަލުން ބަލިވުމުން ހުރިހާ އެންމެމެންވެސް ދެރަވެފައިވާ ކަމަށާއި އަދި ހާއްސަކޮށް ފައިނަލާ އެހާ ކައިރިއަށް ގޮސް ބަލިވުމުން ލިބުނު ހިތްދަތިކަން ބޮޑު ކަމަށެވެ. ނަމަވެސް ސެމީފައިނަލްގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އަދި މިމުބާރާތުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލާއި ރެއާލްއަށް މަރްހަބާ ކިޔާކަމަށްވެސް ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ސެމީ ފައިނަލް މެޗަށްފަހު އޭނާގެ ކުޅުންތެރިންނާއި ވާހަކަ ނުދައްކާ ކަމަށާއި އެވަގުތު ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ އެރޭ ނިދުމަށްފަހު ހަމަޖެހިގެން ކުރިއަށް ދެން ކުރަން ހުރި ކަންތައްތަކާމެދު ވިސްނުން ކަމަށެވެ. އަދި މިވަގުތު ނިއުކާސްލް ޔުނައިޓެޑްގެ މެޗަށްވުރެ ދުރަށް ބެލުމުގެ ބޭނުމެއް ނެތްކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.