އިޓާލިއަން ލީގުގައި ފަހަތުން އަރައި އެމްޕޯލީ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.
އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. އެކަމަކު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެތްގައި ޖަހާ ލީޑު ނެގީ އެމްޕޯލީއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މިސީޒަންގައި އިންޓަރއިން ލޯން އެއްބަސްވުމެއްގެ ދަށުން އެމްޕޯލީއަށް ކުޅެމުންދާ އަންޑްރިއާ ޕިނަމޮންޓީއެވެ. އަދި މެޗްގެ 28 ވަނަ މިނެޓްގައި ކްރިސްޓިއަން އަސްލާނީ ޖަހާދިން ލަނޑާއެކު އެމްޕޯލީއިން މިމެޗްގައި ދެލަނޑުގެ ލީޑެއް ނެގިއެވެ.
މިމެޗްގައި އިންޓަރގެ ފުރަތަމަ ލަނޑަކީ މެޗްގެ 40 ވަނަ މިނެޓްގައި އެމްޕޯލީގެ ސިމޯނޭ ރޮމަގްނޯލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލައުޓާރޯ މާޓިނޭޒް ވަނީ އިންޓަރއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މިމެޗްގައި އިންޓަރއަށް ފުރަތަމަ ފަހަރަށް ލިޑު ނަގާދިނީވެސް މެޗްގެ 64 ވަނަ މިނެޓްގައި މާޓިނޭޒް ޖަހާދިން ލަނޑުންނެވެ. ދެން މިމެޗްގައި އިންޓަރއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ އެލެކްސިސް ސަންޗެޒްއެވެ.
މިކާމިޔާބީއާއެކު އިންޓަރއަށް މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ނަމަވެސް އާދީއްތަ ދުވަހުގެރޭ ވެރޯނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗް ކާމިޔާބު ކުރެވިއްޖެނަމަ، އޭސީ މިލާނަށް އަނެއްކާވެސް ތާވަލްގެ އެއްވަނަ ލިބިގެންދާނެއެވެ.