މި އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސް ފަސްކޮށްފިއެވެ.
މި ފަހަރުގެ ގޭމްސް ބާއްވަން މީގެ ކުރިން ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 10 އިން ފެށިގެން 25 ގެ ނިޔަލަށެވެ. އެކަމަކު ޗައިނާގެ ކޮވިޑް-19 ހާލަތު އޮތްގޮތުން، އެ ގައުަމުގައި ބައިނަލްއަގުވާމީ ގޭމްސްއެއް ބޭއްވޭނެ ކަމަށް ނުފެންނާތީ، މި ފަހަރުގެ ގޭމްސް ވަނީ ފަސްކޮށްފައެވެ.
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޝިއަން ގޭމްސް ފަދަ ބޮޑު ކުޅިވަރު ހަރަކާތެއް ބާއްވާއިރު، ސަލާމަތީ ގޮތުން ކަށަވަރުކުރަން ޖެހޭ ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން މި ވަގުތަށް އެންމެ ރަނގަޅީ އޭޝިއަން ގޭމްސް ފަސްކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.
އޯސީއޭއިން އޭޝިއަން ގޭމްސް ފަސްކުރަން ނިންމިއިރު، މި އަހަރު ޑިސެމްބަރު މަހު ޗައިނާގެ ޝަންޓޯގައި ބާއްވަން ތާވަލުކުރި އޭޝިއަން ޔޫތު ގޭމްސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
އޭޝިއަން ގޭމްސްއަކީ އޮލިމްޕިކް ގޭމްސްއަށްފަހު ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެެވެ. އެ ގޮތުން 44 ގައުމުން 11،000 އަށްވުރެ ގިނަ އެތުލީޓުން މި ގޭމްސްގައި ވާދަކުރެއެވެ. ރާއްޖޭން އެންމެ ފުރަތަމަ އޭޝިއަން ގޭމްސްގައި ވާދަކޮށްފައިވަނީ 1990 ވަނަ އަހަރެވެ. އޭގެ ފަހުން މި ގޭމްސްގައި ގަވާއިދުން ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން އަންނައިރު، އެންމެ ފަހުން 2018 ވަނަ އަހަރު އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި އޭޝިއަން ގޭމްސްގައި ރާއްޖޭން ވަނީ 77 އެތުލީޓުން ވާދަކޮށްފައެވެ.