ކުޅިވަރު

ގޮފިން ބަލިކޮށް ކުއާޓާއިން ނަޑާލް ޖާގަ ހޯދައިފި


މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ރަފައެލް ނަޑާލް ޖާގަ ހޯދައިފިއެވެ.

އޭނާ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދީ ތިންވަނަ ބުރުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނަޑާލް ކާމިޔާބުކުރީ ހައެއް ތިނެއް، ފަހެއް ހަތެއް އަދި ފަހު ސެޓް ހަތެއް ހަޔަކުންނެވެ. ފަހު ސެޓް ޓައިބްރޭކަކަށް ގޮސް ނަޑާލް ކުރި ހޯދީ އެގާރަ ނުވަޔަކުންނެވެ.

ކްއާޓަރ ފައިނަލްގައި ނަޑާލް ބައްދަލުކުރާނީ ސްޕެއިންގެ ކާލޯސް އަލްކަރާޒްއާއެވެ. އަލްކަރާޒް ކްއާޓަރ ފައިނަލުން ޖާގަހޯދީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކުރިމެޗް ދެ ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތެއްއަދި ހައެއް ތިނަކުންނެވެ.

މީގެއިތުރުން ރަޝިޔާގެ އަންޑްރޭ ރުބްލޭވް އާއި އިނގިރޭސިވިލާތުގެ ޑޭން އިވާންސް ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ރުބްލޭވްއެވެ. މިމެޗް ރުބްލޭވް ކާމިޔާބުކުރީ ހަތެއް ހައެއް އަދި ހަތެއް ފަހަކުންނެވެ.

ކްއާޓާރ ފައިނަލްގައި ރުބްލޭވް ވާދަކުރާނީ މުބާރާތުގެ ހަތަރުވަނަ ސީޑް ސްޓެފަނޯސް ސިޓްސިޕާސްއާއެވެ. ސިޓްސިޕާސް ކްއާޓަރއިން ޖާގަހޯދީ ތިންވަނަ ބުރުގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ބައްދަލުކުރިމެޗް ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށްގެންނެވެ.

އަދި އެންމެފަހުގެ ޗެމްޕިއަން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް ވަނީ އިޓަލީވިލާތުގެ ލޮރެންޒޯ މުސެއްޓީ އާއި ބައްދަލުކުރި މެޗްގައި މުސެއްޓީ އަށް އަނިޔާވެގެން މެޗް ދޫކޮށްލުމުން، ކްއަޓަރ ފައިނަލަށް ޒްވަރޭވް ވަނީ ދަތުރުކޮށްފައެވެ. ކްއާޓަރ ފައިނަލްގައި ޒްވަރޭވް ބައްދަލުކުރާނީ އިޓަލީވިލާތުގެ ޔަނިކް ސިނަރ ސީދާ ދެސެޓުން ބަލިކުރި ކެނެޑާގެ ފީލިކްސް އައުގަރ އަލިއަސިމް އާއެވެ.