އުތުރާއި މެދުތެރޭ އެމެރިކާގެ އިތުރުން ކެރީބިއަން ގައުމުތައް ނިސްބަތްވާ ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އެމެރިކާގެ މޭޖާ ލީގު ސޮކާއަށް ނިސްބަތްވާ ސިއާޓްލް ސައުންޑާސްއިން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ސިއާޓްލްއިން ހޯދީ ފައިނަލުގައި މެކްސިކޯގެ ޕޫމާސް އުނާމް އާއި ބައްދަލުކޮށް ކުޅުނު ދެމެޗް 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމްގެ މެދުގައި ކުޅުނު ފައިނަލްގެ ފުރަތަމަ ލެގް މެކްސިކޯގައި ކުޅެ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވިއިރު، ސިއާޓްލްގައި ކުޅުނު ދެވަނަ ލެގް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަށު ޓީމެވެ.
ދެވަނަ ލެގްގައި ސިއާޓްލްގެ ރައުލް ރުއިޑިއާޒް ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ލޮޑެއިރޯއެވެ.
މިމުބާރާތް އެންމެފަހުން ކާމިޔާބުކުރި އެމްއެލްއެސްގެ ޓީމަކީ އެލް އޭ ގެލެކްސީއެވެ. ނަމަވެސް އެއީ 2000 ވަނަ އަހަރު ޗެމްޕިއަންސް ކަޕްގެ ނަމުގައި އެމުބާރާތް ކުޅެމުންދިޔައިރުއެވެ. އެހެންކަމުން މިއީ މިހާރުގެ ފޯމެޓަށް ކުޅެންފެށިފަހުން އެމެރިކާގެ ކްލަބަކަށް މިމުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މިމުބާރާތް ކާމިޔާބު ކުރެވުމާއެކު ދެން އެންމެ އަވަހަށް އޮންނަ ފީފާ ކްލަބް ވާރލްޑް ކަޕަށްވެސް ސިއާޓްލް ސައުންޑަރސް މިވަނީ ކޮލިފައިވެފައެވެ. އަދި ސިއާޓްލް ވެގެންދާނީ އެމުބާރާތުގައި ވާދަކުރާ މޭޖަރ ލީގް ސޮކަރގެ ފުރަތަމަ ޓީމަށެވެ. ކްލަބް ވާރލްޑް ކަޕް ދެން އޮންނާނީ ޗައިނާގައިކަން ހާމަކޮށްފައިވީ ނަމަވެސް، އޮންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.