ކުޅިވަރު

ކޮންފަރެންސް ލީގުގެ ފައިނަލުން ރޯމާ ޖާގަ ހޯދައިފި


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުން އޭއެސް ރޯމާ ޖާގަ ހޯދައިފިއެވެ.

މިސީޒަންގައި ޔުއޭފާފައިން އަލަށް ތައާރަފްކުރި މިމުބާރާތުގެ ފައިނަލުން ރޯމާ ޖާގަހޯދީ ސެމީފައިނަލްގައި ލެސްޓަރ ސިޓީ އާއި ބައްދަލުކޮށް ކުޅުނު ދެމެޗް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލެސްޓާގެ ދަނދުގައި ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި އިރު، ރޭ ކުޅުނު ދެވަނަ ލެގް ރޯމާގެ ދަނޑުގައި ކުޅޭ އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނެިގެންދިޔަ މިމެޗްގައި ގިނައިރު ލެސްޓަރއިން ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާދިނީ މިސީޒަންގައި ޗެލްސީއިން ރޯމާއަށް ބަދަލުވި ފޯވަޑް ޓަމީ އަބްރަހަމްއެވެ. މިމެޗްގައި ލެސްޓަރއަށް މާއެދެވޭ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ފައިނަލުން ރޯމާ ޖާގަހޯދާފައިވާއިރު، މިއީ 1991 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް ރޯމާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ފައިނަލްގައި ރޯމާ ބައްދަލުކުރާނީ ފެޔެނޯޑާއެވެ. ފެޔެނޯޑް ފައިނަލުން ޖާގަހޯދީ އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅުނު ސެމީފައިނަލް ދެ މެޗު 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.