ކުޅިވަރު

އެމެރިކާ ލީގަށް ވިސްނުމުގެ ފުރުޞަތު ބޮޑު - ރޮނަލްޑޯ


އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަރ ލީގު ސޮކަރޔަށް ބަދަލުވުމަށް މުސްތަޤްބަލުގައި ވިސްނަފާނެ ކަމަށް ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. 30 އަހަރުގެ ރޮނާލްޑޯއަކީ މިހާރުވެސް ރެއާލްމެޑްރިޑުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އެކަމަކު ޖީ.ކިއު މެގަޒިންއަށް ދިން އިންޓަރވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ އެމް.އެލް.އެސްއަކީ މުސްތަޤުބަލުގައި ވިސްނަން އޮތް ޝައުގުވެރި ފުރުސަތެއްކަމަށެވެ.ރޮނާލްޑޯއަކީ ވިއްކާލާނެ ކުޅުންތެރިޔެއް ނޫންކަމަށް ރެއާލް މެޑްރިޑުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފައިވީނަމަވެސް ރޮނާލްޑޯ އެހެން ކްލަބަކަށް ގޮސްދާނެކަމަށް މީޑީޔާއިން ދަނީ ޚަބަރުފަތުރަމުންނެވެ. ހާއްސަކޮށް އޭނާގެ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން އިން، ރެއާލް މެޑްރިޑަށް 326 މެޗުގައި، 340 ގޯލް ޖަހައިދިން ކުޅުންތެރިޔާ ގެންދަން މަސައްކަތްކުރާކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް އެމެރިކާގައި ކުޅެން ބޭނުންވާކަމަށް ބުނެފައެވެ. މަޝްހޫރު ކުޅުންތެރިން ކެރިއަރުގެ ފަހު ބައިގައި އެމެރިކާގެ ލީގުގައި ކުޅުން ވަނީ އާއްމުކަމަށް ވެފައެވެ. އެގޮތުން ޑޭވިޑް ބެކަމް އަދި ތިއަރީ އޮންރީ ފަދަ ކުޅުންތެރިން ވަނީ އެމެރިކާ ލީގުގައި ކުޅެފައެވެ. މިހާރު އެ ލީގުގައި ކުޅެމުންދާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ސްޓީވެން ޖެރާޑް، ފްރޭންކް ލެމްޕާޑް، އެންޑްރިއަ ޕިރްލޯ، ޑޭވިޑް ވިޔާ އަދި ކަކާ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.