މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ ތަޖުރިބާ ހޯދަން ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް ކަމަށް ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ތާބިން ސުޖާއު ބުނެފިއެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ތާބިން ބުނީ އަމިއްލަ ގައުމުގައި މިވަރުގެ ބޮޑު މުބާރާތެއް ބޭއްވުން އެއީ ޒުވާން ކުޅުންތެރިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިއީ ސަޕޯޓަރުންގެ ކުރިމަތީ ތަޖުރިބާ ހޯދަން ލިބިގެންދިޔަ ފުރުސަތެއް ކަމަށް ތާބިން ބުންޏެވެ.
ތާބިން ބުނީ މި މުބާރާތައް ނުކުންނައިރު އޭނާގެ އަމާޒަކީ މެޑަލް އެއް ހޯދުން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ ކުރިމަތީ ކުޅެން ލިބުމާއި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓަށް ފަރިތަވުން އެއީ މި އަމާޒަށް ވާސިލުވުމަށް ލިބިގެންދާނެ ފައިދާ އެއް ކަމަށް ތާބިން ބުންޏެވެ.
ތާބިން ބުނީ ސަޕޯޓަރުންގެ އެހީ ޒުވާން ކުޅުންތެރިންނަށް ބޭނުންވާ ކަމަށާއި، ސަޕޯޓަރުންގެ އެހީއާއެކު ކާމިޔާބުހޯދަން ޒުވާން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ބުނެފައެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ގައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.