އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގެ ކޮންފަރެންސް ސެމީ ފައިނަލުގައި މައޭމީ ހީޓް އާއި ފީނިކްސް ސަންސްއިން ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.
އީސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި ހީޓް އިން ދެ މެޗްގެ ލީޑެއް ނެގީ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއި ބައްދަލުކުރި ދެވަނަ މެޗް 119 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 22 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 12 އެސިސްޓް ކޮށްފައެވެ. އަދި ސިކްސަރސްގެ ޓައިރީސް މެކްސީވަނީ 34 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގަދީ އެއް އެސިސްޓް ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅެ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ފިލަޑެލްފިއާގައެވެ.
ވެސްތަރން ކޮށންފަރެންސްގެ ސެމީފައިނަލްގައި ސަންސް ދެމެޗްގެ ލީޑެއް ނެގީ ޑެލަސް މެވްރިކްސް އާއި ބައްދަލުކުރި ދެވަނަ މެޗް 129 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްގެ ކްރިސް ޕޯލް ވަނީ 28 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 35 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މެވްރިކްސްގެ ކޯޓުގައެވެ.