ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި


ހައިކޯޓުގެ ދެކުނު ގޮފި ހިމެނޭ ސަރަޙައްދުގައި ހިމެނޭ ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމަށް ހުށައަޅައިފިނަމަ، މައްސަލައިގެ ލިޔެކިއުންތައް ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ފޮނުވުމަށް ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.ޝަރުޢީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ސޮއިކުރައްވާ ފޮނުއްވާފައިވާ ޢާންމު ސިޓީއެއްގައި ވިދާޅުވެފައިވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ރަސްމީކޮށް މިހާރު ފެށިފައިވުމުން، ދެކުނު ގޮފި ހިމެނޭ ސަރަޙައްދުގައި ހިމެނޭ ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފީ ފުރަތަމަ މަރުޙަލާ ކުރިއަށްގެންދާނީ އެގޮފިން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އިސްތިއުނާފް ކުރުމަށް ހުށައެޅުމުން އެކަމާގުޅޭ ލިޔެކިއުންތައް ސީދާ ދެކުނު ގޮތްޕަށް ހުށައެޅުއްވުމަށް އަންގަވާކަމަށެވެ.ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތައް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވައިފައެވެ.ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. ކޯޓުތަކާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާޙާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެކުނު ގޮތްޕަށް އައްޔަން ކުރައްވާފައިވަނީ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާއާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. ކޯޓުތަކާ ބެހޭ ޤާނޫނަށް ގެންނެވި އިސްލާޙްގައި ވާގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައިކޯޓުގެ ގޮފިތައް ޤާއިމު ކުރަންޖެހެއެވެ. އެގޮތުން ދެ ސަރަޙައްދުގައި ޤާއިމު ކުރެވޭ ގޮފިތައް ޤާއިމު ކުރެވެނީ އެ ގޮތްޕެއް ހިމެނޭ ސަރަޙައްދުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމަށެވެ. ހައިކޯޓަށް ޤާނޫނުން ލިބިގެންވާ ޚާއްސަ އިޙްތިޞާސްތައް އެކޯޓުގެ ގޮފިތަކަށް ލިބިގެން ނުވާކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅުއްވާފައެވެ.