ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑުން ކަމަވަރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލުން ރެއާލް ޖާގަ ހޯދީ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ބައްދަލުކޮށް ކުޅުނު ދެ މެޗް 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ސިޓީގެ ދަނޑުގައި 4-3 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކުރިއިރު، ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗްގައި ދެޓީމްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސިޓީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރިޔާދު މަހްރެއިޒްއެވެ.
މިލަނޑާއެކު ސިޓީއިން އެގްރިގޭޓް ނަތީޖާގައި ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ފައިނަލަށް ދާނީ ސިޓީކަމުގައި ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް ރެއާލްއިން ހިތްވަރު އެލުވާ ނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ ފަހު މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރޮޑްރިގޯއެވެ. މިލަނޑާއެކު ރެއާލްއަށް ހިތްވަރު ލިބިގެންދިޔައީ އިތުރު ވަގުތުގެ ގޮތުގައި 6 މިނެޓް ދެއްކުމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެއް މިނެޓްފަހުން ރެއާލްއިން އެޓީމްގެ ދެވަނަ ލަނޑު ޖަހާ އެގްރިގޭޑް ނަތީޖާއިން ހަމަހަމަ ކުރުމެވެ. މިލަނޑުވެސް ޖަހާދިނީ ރޮޑްރިގޯއެވެ.
މިނަތީޖާގައި އޮވެގެން މެޗް ނިމުމާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅޭށެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒީމާ ވަނީ ރެއާލްއަށް އެގްރިޣޭޓް ނަތީޖައިން ކުރި ހޯދާދީފައެވެ. މިލަނޑާއެކު ސިޓީއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ ހިތްދަތިގޮތަކަށް ފައިނަލަށް ނުގޮސް ކެޓީއެވެ.
މި ކަމިޔާބީއާއެކު ރެއާލް މިމުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި ވާދަކުރާނީ ލިވަޕޫލާއެވެ. ރެއާލް އާއި ލިވަޕޫލް ވަނީ 2018 ވަނަ އަހަރުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރު 3-1 ގެ ނަތީޖާއަކުން ފައިނަލް ކާމިޔާބުކުރީ ރެއާލްއިންނެވެ.