ޚަބަރު

މުލިއާގެ ޢީދަށް ދިއްލާލާލުން، ތަފާތު މަންޒަރެއް!


ފިޠުރު ޢީދަކީ ރަމަޟާންމަހަށްފަހު މުސްލިމުން އުފާފާޅުކޮށް އިސްލާމީ ޙުދޫދުގެ ތެރޭގައި މުނިފޫހިފިލުވުމަށް ފުރުސަތު ލިބޭ ދެޢީދުން އެއް ޢީދެވެ.

ރާއްޖޭގައިވެސް ފިޠުރު ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. މާލެ އާއި ރަށްރަށުގައި ވަރަށް ފޯރީގައި މިދުވަސް ފާހަގަކުރާއިރު މިއީ ސަރުކާރާއި ޢާއްމުންގެ މެދުގައި ވަރަށް ފޯރީގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުވެސް ވަރަށް ކުލަގަދަކޮށް އަތޮޅުތެރޭގައިވަނީ ފާހަގަކޮށްފައެވެ. މާލެ ސަރަޙައްދުގައިވެސް އެކި ޙަރަކާތްތައް ވަނީ ބާއްވާފައެވެ.

ޢީދާ ދިމާކޮށް ޤަރުނެއްވެފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު "މުލިއާގެ"ވަނީ ދިއްލާލާފައެވެ. ފާރުތައް ޒީނަތްތެރިކޮށްފައިވަނީ ދުވަހާ ގުޅޭ ކުލަތަކާއި މަންޒަރުތަކުންނެވެ. އެގޮތުން މުލިއާގެ ގޭޓުގައި އިސްލާމީ ޝިޢާރުތައް ރަމްޒުކޮށްދޭ ހަނދު ފަޅީގެ އިތުރުން ޑިޒައިންތައް ދައްކާލާފައިވާއިރު ދިވެހި ބަހުންނާއި ޢަރަބި ބަހުން "ޢީދު މުބާރިކު" ޖަހާފައިވެއެވެ. މީގެއިތުރުން މުލިއާގެ ފާރުގައި ބަގީޗާއެކި މާތައް ކުރަހާ ވަނީ ޒީނަތްތެރިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ޢީދަށް ޒީނަތްތެރިކުރުމުން މިސަރަޙައްދުގައި ގިނަބަޔަކުވަނީ ފޮޓޯނަގާ ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. ފަހަކަށް އައިސް މުލިއާގޭގައި މިފަދަ ގޮތަކަށް ޒީނަތްތެރިކޮށްފައި ނުވިނަމަވެސް މިއީ ކުރިން ޢީދުތަކާއި މިނިވަންދުވަހާއި ދިމާކޮށް ވަރަށް ކުލަގަދަކޮށް ޒީނަތްތެރިކޮށް ޢާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތާއެކު ހުޅުވާލާ ސަރަޙައްދެކެވެ. ހަމައެއާއެކު މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މުލިއާގެއަކީ މަޤުބޫލު ތަނެކެވެ.

މުލިއާގެއަކީ ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ މުހިއްމު ބިނާއެކެވެ. މުލިއާގެއަކީ ރާއްޖޭގެ ކުރީގެ ރަދުން ސުލްޠާން މުޙައްމަދު ޝަމްސުއްދީން، ދަރިކަލުން އަދި ވަލީ އަޙުދު ޢިއްޒުއްދީނަށް ބިނާކޮށްދެއްވި ގަނޑުވަރެކެވެ. މުލިއާގެއަށް 2019ވަނަ އަހަރު ޤަރުނެއް ފުރިފައިވާއިރު މިވީ 100 އަހަރު ތެރޭގައި މުލިއާގެ އެކި ގޮތްގޮތަށް ބަދަލުވެ ދައުލަތުގެ އެކި މުހިއްމު މަސައްކަތްކުރި ތަނެއްގެ ގޮތުގައިވަނީ ހިމެނިފައެވެ.